މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ހެދުމަށް ފޮނުވި ދައުވަތާއި ގުޅޭ ގޮތުން ސަރުކާރު ކޯލިޝަންގައި މިހާރުވެސް ހިމެނޭ އަދާލަތު ޕާޓީ އިން އެމްޑީޕީއާއެކު މަޝްވަރާ ބައްދަލުވުންތައް ފަށައިފިއެވެ.
ރައީސްގެ އެ ދައުވަތާއި ގުޅޭ ގޮތުން ރޭ އަދާލަތުން ވަނީ އެޕާޓީގެ މަޝްވަރާ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި ނިންމީ ރައީސްގެ ސިޓީއަށް ޖަވާބު ދިނުމުގެ ކުރިން އެމްޑީޕީއާއެކު މަޝްވަރާ ކުރުމަށެވެ.
މިއަދުގެ ވަގުތެއްގައި މަޝްވަރާތައް ވަނީ ފަށައިފައެވެ. އަދާލަތުގެ ފަރާތުން އެޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާނުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެޕާޓީގެ އެހެން އިސް ބޭފުޅުން ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެކަމަކު އެމްޑީޕީގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ކޮން ބޭފުޅުންނެއް ކަމެއް ނޭނގެއެވެ.
އެ ބައްދަލުވުމުގައި އަދާލަތުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅަކު "ހަތާވީސް" އަށް މިއަދު ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުގައި އަދާލަތުގެ ބައިވެރިވުން އޮތްއިރު ބައެއް ކަންކަމުގައި އެޕާޓީގެ ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ. އެހެންކަމުން އެ ކަންބޮޑުވުންތަކާއި ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށާއި އަދި އަދާލަތުން ހުށަހަޅާފައި އޮތް ހުށަހެޅުންތަކާއި ގުޅޭ ގޮތުން ވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.
"ވަރަށް ރަނގަޅަށް ވަރަށް ޕޮޒިޓިވްކޮށް ބައްދަލުވުން ކުރިޔަށް ދިޔައީ،" އޭނާ ވިދާޅުވިއެވެ.
އަދާލަތުގެ އިތުރުން ރައީސް ވަނީ ޖުމްހޫރީ ޕާޓީ އަދި އެމްއާރްއެމް އަށްވެސް ސިޓީ ފޮނުވާފައެވެ. މި ޕާޓީތަކަކީ މި ސަރުކާރުގެ މިހާރުވެސް ކޯލިޝަން ޕާޓްނަރުންނެވެ.
މިމަހުގެ 15ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމެއްގައި މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އިން ކޯލިޝަން ހެދުމުގެ ބާރު ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް ސޯލިހަށް ދެއްވުމަށް ވަނީ ފާސް ކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ