ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ބާތިލު ވޯޓުގެ ގޮތުގައިލާ ވޯޓަށް ވުރެ ގިނަ ވޯޓު ހޯއްދެވުމަށް ދަ ޑިމޮކްރެޓްސްއަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރާ ފެކްޝަނުން އެމްޑީޕީން ވަކިވެ، އުފެއްދެވި ޑިމޮކްރޭޓްސްއަށް ރައްދު ދެއްވައި ފައްޔާޒު ވާހަކަ ދެއްވެވީ ފުވައްމުލަކު ސިޓީގައި ރޭ ބޭއްވި ޖަލްސާގައެވެ.
އެމްޑީޕީ ބައިބައިކޮށް، ރޫޅާލާނެ ކަމަށް ނަޝީދު ވިދާޅުވެފައި ވާތީ، ފައްޔާޒު ވިދާޅުވީ މި އޮޑިއެއް ނުފެތޭނެ ކަމަށާއި އެމްޑީޕީ ރޫލާ ނުލެވޭނެ ކަމަށެވެ.
"އެ ބޭފުޅުން [ދަ ޑިމޮކްރޭޓްސް] ވެސް ކުރައްވަންވީ ކަމަކީ ބާތިލު ވޯޓަށް ވުރެ ގިނައިން ލިބޭތޯ މަސައްކަތް ކުރައްވަންވީ. ރީތިކޮށް ކެމްޕެއިން ކުރައްވަންވީ،" ނަޝީދު ފެކްޝަނާ ވާދަ ކުރައްވައި، އެމްޑީޕީގެ ޗެއާޕާސަން ކާމިޔާބު ކުރެއްވި ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ
ރިޔާސީ ކެމްޕެއިންނަށް ރައީސް ސާލިހު ރަށްތަކަށް ވަޑައިގެންނެވުމުން، އެމަނިކުފާނާ ދެކޮޅަށް ބަޔަކު ނުކުމެ މުޒާހަރާ ކުރަމުންދާތީ އެކަމަށް އިޝާރާތް ކުރައްވާ ފައްޔާޒު އިލްތިމާސް ކުރެއްވީ ކެމްޕެއިނަށް ހުރަސް ނޭޅުއްވުމަށެވެ.
ރައީސް ސާލިހުގެ ކެމްޕެއިނަށް "ތާއަބަދު" އެގޮތަށް ހުރަސް އަޅާނަމަ، އެއްވެސް ރަށެއްގައި އެ ބޭފުޅުންނަށް ކެމްޕެއިނެއް ނުކުރެވޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"ރައީސަކީ ވަރަށް ހިތްތިރި ބޭފުޅެއް. އަޅުގަނޑުމެންނަކީ އެހާ ހިތްތިރި ބައެއް ނޫން. އަޅުގަނޑުމެންގެ ކެމްޕެއިނަށް ތާއަބަދު އެގޮތަށް ހުރަސް އަޅާ ކަމަށް ވަންޏާމު، ދިވެހިރާއްޖޭގެ އެންމެ ރަށެއްގައި ވެސް އެބޭފުޅުންނަށް ކެމްޕެއިނެއް ނުކުރެވޭނެ،" އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލްގެ ކޮއްކޯފުޅު ފައްޔާޒު މިރޭ ވިދާޅުވިއެވެ.
ފުވައްމުލަކު ޖަލްސާގެ އެންމެ ފަހު ބޭފުޅެއްގެ ގޮތުގައި ޕޯޑިއަމްގައި ވާހަކަފުޅު ދެއްކެވީ ފައްޔާޒެވެ. ރޭގެ ޖަލްސާގައި ފައްޔާޒު ވާހަކަ ދައްކާ ގޮތަށް އެޖެންޑާކޮށްފައި ވެސް ނުވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ