ބޮޑެތި ކުށްވެރިންނަށް ދައުލަތުގެ އިންތިހާބީ މަގާމުތަކަށް އައުމުގެ ފުރުސަތު ދެވޭ ގޮތަށް ގާނޫނުއަސާސީ މާނަކޮށްގެން ކުރީގެ ރައީސް ޔާމީނަށް ފުރުސަތު ދޭންވީހޭ ވިދާޅުވެ، އިލެކްޝަންސް ކޮމިޝަން (އީސީ)އިން ސުޕްރީމް ކޯޓާ ވަރުގަދަ ސުވާލެއް ކުރިމަތިކޮށްފިއެވެ.
ޔާމީންގެ 11 އަހަރުގެ ޖަލު ހުކުމެއް އޮތަތީ އެމަނިކުފާނުގެ ކެންޑިޑޭޓްކަމުގެ ޝަރުތު ހަމަނުވާ ކަމަށް ކޮމިޝަނުން ނިންމުމުން އެމަނިކުފާނު ސުޕްރީމް ކޯޓަށް ވަޑައިގަތީ ޖަލު ހުކުމުގެ އިސްތިއުނާފް ނުނިމޭނަމަ އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ވިދާޅުވެއެވެ. ގާނޫނުއަސާސީގައި ޝަރުތު ބަޔާން ކޮށްފައި އޮތްއިރު އިސްތިއުނާފް ނިމުމުގެ ވާހަކައެއް ނެތެވެ.
އިލެކްޝަންސް ކޮމިޝަންގެ ވަކީލް މަހްފޫޒް ސައީދު ވިދާޅުވީ ގާނޫނު އަސާސީ އިތުރަށް މާނަކުރަންޖެހޭ އެއްވެސް ސަބަބެއް އެ މައްސަލާގައި ނެތް ކަމަށާއި ރައީސްކަމުގެ ޝަރުތު ލިޔެފައި އޮތީ ހުކުމް ތަންފީޒުކުރާ މީހުންނާއި ކުށްވެރިން އިންތިހާބީ މަގާމުތަކަށް ކުރިމަތިލާން ފުރުސަތު ނުދިނުމަށް ކަމަށެވެ.
އޭނާ ވިދާޅުވީ ޔާމީނަށް ކުރިމަތިލެވޭ ގޮތަށް ގާނޫނު އަސާސީ މާނަކުރާނަމަ މަޖިލިސް މެމްބަރުންނާއި ވަޒީރުންނާއި މިނިވަން މުއައްސަސާތަކަށް ކުށްވެރިން އައްޔަންކޮށް އިންތިހާބު ކުރެވޭނެ އެވެ.
"މެމްބަރުން ހާޒިރު ނުވާތީ ބެލިއިރު ބައެއް މެމްބަރުން ހާޒިރު ނުވަނީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާތީ. ވީ ގޮތް ބެލިއިރު ކުށް ސާބިތުވެ ޖަލުގައި ތިއްބެވި ކަމުގައި ވީ ނަމަވެސް މައްސަލަ އިސްތިއުނާފް ކޮށްފައި އޮތީތީ އެ ބޭފުޅުން އެ ތިބީ ކުރިމަތިލައިގެން ހޮވިފައި،" މަހްފޫޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖަލު ހުކުމް އޮތުމުގެ އިތުރަށް ޖަލު ހުކުމާ އެއްކޮށް އިއްވި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ވެސް ޔާމީން ނުދެއްކެވުމާއި ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ގައިދީންނަށް ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުން މަނާ ކޮށްފައި އޮތުމުން ވެސް ޔާމީނަށް ކުރިމަތިލުމުގެ ފުރުސަތު ނެތެވެ.
ޔާމީނަށް ކުރިމަތިނުލެވޭ ހާލަތެއްނަމަ ޕީޕީއެމްގެ އެހެން ކެންޑިޑޭޓަކު ނެރުމުގެ ފުރުސަތަކަށް ޔާމީންގެ ފަރާތުން އެދިވަޑައިގެންފައިވެއެވެ. ކޮމިޝަނުން ބުނީ އެ ފުރުސަތު މިވަގުތު އެބައޮތް ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ