މަޑަގަސްކަރުގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ އަންހެން ޓީޓީ އިވެންޓުން ރާއްޖެއިން އަނެއްކާވެސް ރަން މެޑަލް ހޯދައިފިއެވެ.
މިއަދު ކުރިއަށްދިޔަ ޓީޓީގެ ޓީމް އިވެންޓް ފައިނަލުން ރާއްޖެ މޮރިޝަސްގެ މައްޗަށް ކުރި ހޯދީ 1-3 ގޭމުން މެޗު ކާމިޔާބުކޮށްގެންނެވެ. މިއީ އައިއޯއައިޖީގައި ރާއްޖެއިން މި އިވެންޓުގައި ރަން މެޑަލް ހޯދި ދެވަނަ ފަހަރެވެ. 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި ގޭމުގައި ވެސް ރާއްޖެއިން ވަނީ އެ ގައުމާ ދެކޮޅަށް ފައިނަލުގައި ކުޅެ ރަން މެޑަލް ހޯދައިފައެވެ.
މިފަހަރުގެ ގޭމްސްއިން ރާއްޖެ ރަން މެޑަލް ހޯދީ ވާދަކުރި ހުރިހާ މެޗަކުން ވެސް މޮޅުވެގެންނެވެ. އެގޮތުން އިއްޔެ ސީޝެލްސްއާއި ރީޔޫނިއަންއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ މޮޅުވި އިރު، މިއަދު ވަނީ މަޑަގަސްކަރާއި ވާދަކޮށް ކުރި ހޯދައިފައެވެ. ލީގު އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދި ދެ ޓީމު ފައިނަލުން ޖާގަ ހޯދި އިރު، ރާއްޖެ ފައިނަލުގައި ވާދަކުރީ މޮރިޝަސްއާއެވެ.
މިއަދު ކުޅުނު ފައިނަލުން ރާއްޖެ މޮޅުވީ 1-3 ގޭމުން މެޗު ކާމިޔާބުކޮށްގެންނެވެ. އެގޮތުން ފުރަތަމަ ގޭމުގައި ރާއްޖޭގެ އައިޝަތު ރަފާ ވަނީ ސީދާ ތިން ސެޓުން މޮޅުވެފައެވެ. ދެވަނަ ގޭމުގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ ވަނީ 1-3 ސެޓުން މެޗު ކާމިޔާބުކޮށް ރާއްޖެއަށް އުންމީދު ބޮޑުކޮށްދީފައެވެ. ތިންވަނަ ގޭމުގައި 1-3 ސެޓުން ރާއްޖޭގެ ލައިސާ ފަތުހުﷲ ވަނީ ބަލިވެފައެވެ. ރާއްޖެއަށް ހަތަރުވަނަ ގޭމުން ކުރި ހޯދައި ރަން މެޑަލް ޔަގީން ކޮށްދިނީ ދީމާއެވެ. ދީމާ އެ މެޗުން މޮޅުވީ ސީދާ ތިން ސެޓުންނެވެ.
މިއީ ރާއްޖެއަށް މިފަހަރުގެ އައިއޯއައިޖީގައި ލިބުނު ފުރަތަމަ ރަން މެޑަލް އެވެ. ރާއްޖެއިން އެންމެ ފަހުގެ އައިއޯއައިޖީގައި ވަނީ 15 މެޑަލް ހޯދައިފައެވެ. އޭގެ ތެރޭގައި 5 ރަން މެޑަލް ހިމެނެއެވެ. ރާއްޖެއިން މިފަހަރުގެ ގޭމްސްގެ އަމާޒަކީ މަދުވެގެން 21 މެޑަލް ހޯދުމެވެ.
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް