ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާއި ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހުށަހަޅުއްވައިފިއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މިއަދު ހެންވޭރުގެ ބައެއް ގެތަކަށް ދޮރުން ދޮރަށް ހިންގެވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވަނީ ރައީސް މުހައްމަދު ނަޝީދާ ފޯނުން ގުޅުއްވާ ވާހަކަދެއްކެވި ކަމަށް ވިދާޅުވެފައެވެ.
ރައީސް ސޯލިހް ވިދާޅުވީ ޑިމޮކްރެޓްސް އިން ބޮޑަށް ބޭނުން ވަނީ ނިޒާމު ބަދަލު ކުރުމާއި ގުޅޭ ގޮތުން އާއްމުންގެ ހިޔާލު ހުރި ނެތް ގޮތުގެ ވޯޓެއް ނެގުމަށް ކަމަށެވެ. ރައީސް ވިދާޅުވީ ނަޝީދު ބޭނުންފުޅު ވަނީ މިމަހުގެ 25ވަނަ ދުވަހު ނިޒާމާ ބެހޭ ވޯޓެއް ނެގުމަށް ކަމަށެވެ.
"އަޅުގަނޑު ދެންނެވިން [ރައީސް ނަޝީދު އަރިހުގައި] އެއީ އެހާ ޕްރެކްޓިކަލް ކަމަކަށް ނުވާނޭ [މިމަހުގެ 25ވަނަ ދުވަހު ވޯޓު ނެގުން]. ހިނގާށޭ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ފަހުގައި އެއާ ދޭތެރޭ ޑޭޓެއް ކަނޑައަޅަން. ޑޭޓަކާއި ދޭތެރޭގައި ވެސް އަޅުގަނޑުމެން ވާހަކަ ދެއްކިން. އެ ހުށަހެޅުން ހުށަހަޅާފައި ވާނީ."
ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބު ނިމުމުން ނިޒާމާ ގުޅޭ ވޯޓެއް ނެގޭނެ ގޮތްތަކެއް ހޯދައި ދެއްވާނެ ކަމަށް ނަޝީދު އަރިހު ދަންނަވާފައި ވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ނަޝީދާ ފޯނުން ވާހަކަ ދެއްކެވީ ވަރަށް ދުވަސް ކޮށްފައި ކަމަށާއި ނަމަވެސް މާ ދުރުގައި ދެޕާޓީ ތިބި ތަނެއް އެމަނިކުފާނަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. ރައީސް ވިދާޅުވީ އެމްޑީޕީއާ ޑިމޮކްރެޓުން އެކުގައި މަސައްކަތް ކުރުން އޮތީ ޑިމޮކްރެޓުގެ އަތްމަތީގައި ކަމަށެވެ.
ރައީސް ނަޝީދާއެކު އަލުން މަސައްކަތް ކުރަން ފަށައިފި ނަމަ އެމްޑީޕީ އަށް ލިބޭ ވޯޓު މަދުވެދާނެ ކަމަށް ދެކެވޭ ވާހަކަތަކަށް ވެސް ރައީސް ސޯލިހް ޖަވާބު ދެއްވިއެވެ. ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓުންނަށް ވެސް 15،000 ވޯޓު ލިބިފައިވާ ކަމަށާއި އެހެންކަމުން އޭގެތެރެއިން ބޮޑުބައެއް ނަޝީދު ވަޑައިގެންފި ނަމަ ލިބިގެން ދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ