ފަލަސްތީނުގައި އިސްރާއީލުން ހިންގާ ލާއިންސާނީ ޖަރީމާތައް ތަހުގީގުކޮށް ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައި ދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައު އަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.
ރާއްޖެ އިސްލާމްވި ދުވަހާއި ގުޅިގެން ރައީސް ފޮނުއްވި ހިތާބެއްގައި ވިދާޅުވީ މާތްވެގެންވާ އިސްލާމް ދީނާ ގުޅިފައިވާ މިފަދަ އުފާވެރި ދުވަހެއް ދިވެހިން ފާހަގަކުރާއިރު، އިސްލާމީ އުންމަތުގެ އެތައް މިލިއަން އަހުންނާއި އުހްތުންނެއް، ޣައިރު މުސްލިމުންގެ އަނިޔާވެރި ހަމަލާތަކުގައި ޝަހީދުވެ އަދި ޒަހަމްވަމުންދާކަމީ، މުޅި އިސްލާމީ އުންމަތަށް ލިބޭ ބޮޑު ހިތާމައެއް ކަމަށެވެ.
އެގޮތުން އެމަނިކުފާނު ވަނީ ޒަޔަނިސްޓު ޔަހޫދީން ފަލަސްތީނުގެ ބިމަށް ވެރިވެގަނެ، ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށް، އެ ބިމުގައިވާ މުސްލިމުންގެ މުގައްދަސް ބިނާތަކުގެ ހުރުމަތް ކަނޑަމުން ދިއުމަކީ، އިސްލާމީ އުންމަތުގެ ހިތަށް ހެރިފައިވާ ނުހަނު ތޫނު ހައްޖަރެއްގެ ގޮތުގައި ސިފަ ކުރައްވައިފައެވެ.
"ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް، އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ހިންގާ ލާއިންސާނީ އަނިޔާވެރި އަމަލުތައް އަޅުގަނޑުމެން ކުށްވެރިކުރަނީ އެންމެ ހަރުކަށި އިބާރާތުންނެވެ. ފަލަސްތީނުގެ މުސްލިމް އަހުންނާއި އުހުތުންނާ ދެކޮޅަށް، އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި ލާއިންސާނީ އެންމެހައި އަމަލުތައް ތަހުގީގުކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް، އެންމެހައި ދިވެހިންގެ ނަމުގައި ބައިނަލްއަގުވާމީ މުޖުތަމައު އަށް ގޮވައިލަމެވެ." ރައީސްގެ ހިތާބުގައިވެއެވެ.
އެމަނިކުފާނު ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނިކަމެތިކަމާއި އަނިޔާވެރިކަމާ ކުރިމަތިލާންޖެހިފައިވާ އެންމެހައި މުސްލިމުން އެ ހާލަތުން މިންޖުކޮށްދިނުމަކީ، މުޅި އިސްލާމީ އުންމަތުގެ ވާޖިބެއް ކަމަށް ވިދާޅުވެފައެވެ. އެކަމަށްޓަކައި ހިނގަން އޮތް މަގަކީ، މުސްލިމުންގެ ސަފުތައް ބަދަހިކޮށް މުސްލިމުންގެ ގުޅުން ހަރުދަނާ ކުރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ