އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ 2024 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގެ ޖުމުލައަކީ 49.5 ބިލިއަން ރުފިޔާ ކަމަށެވެ. އަދި ބަޖެޓާ ގުޅޭ އިތުރު މައުލޫމާތުތައް ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ބަޔާނާއެކު މީޑިއާ އަދި އާންމު ފަރުދުންނާ ހިއްސާކުރާނެ ކަމަށެވެ.
ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހަޅާފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް ބުނެފައިވެއެވެ.
މިއަދު އެޖެންޑާކުރި މަޖިލީހުގެ ޖަލްސާގައި އަންނަ އަހަރުގެ ބަޖެޓާއި ސަރުކާރުން މިއަހަރުގެ ބާކީ އޮތް މަސްތަކަށް ހުށަހަޅާ ސަޕްލިމަންޓްރީ ބަޖެޓު ހުށަހެޅުން އެބައޮތެވެ. އެހެންނަމަވެސް ބަޖެޓު ހުށަހެޅުއްވުމަށް މަޖިލީހަށް ވަޑައިނުގަތުމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ނިންމަވައިފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިއަދު "ހަތާވީސް" އަށް ވިދާޅުވީ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމަށް ފިނޭންސް މިނިސްޓަރު ވަޑައިނުގަތުމަށް ނިންމަވާފައިވާ ކަމަށެވެ. އެގޮތަށް ނިންމަވާފައި ވަނީ ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތުގެ ލަފާގެ މަތީން ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.
"އެގޮތަށް ނިންމެވީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާ އޮތުމުން މަޖިލީހުގައި އިތުރު މަސައްކަތެއް ދެން ކުރެވޭނީ އެ މައްސަލަ އަށް ގޮތެއް ނިންމުމަށްފަހު ކަމަށް ބަންޑާރަ ނާއިބު ލަފާ ދެއްވާފައި ވާތީ،" މިއުވާން ވިދާޅުވިއެވެ.
މާލިއްޔަތު ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތް:
- ސަރުކާރުގެ ކޮންމެ މަސްއޫލު އޮފީހަކުން، އެތަނަކަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާއި، އެތަނުން ހިނގާނެކަމަށް ލަފާކުރާ ރިކަރަންޓް ހަރަދާއި، ކެޕިޓަލް ހަރަދު ހިމަނައިގެން އެ އަހަރަކަށް ލަފާކުރާ ބަޖެޓު އެކުލަވާލައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން، އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ތާރީހަށް، ނުވަތަ އެ ތާރީހުގެ ކުރިން، މިނިސްޓަރަށް އެ ބަޖެޓު ފޮނުވަންވާނެއެވެ.
- ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ކޮންމެ މާލީ އަހަރަކަށް އެކުލަވާލެވޭ އެ އަހަރުގެ ދައުލަތުގެ ބަޖެޓު، މިނިސްޓަރު ތައްޔާރުކޮށް، ބަޖެޓު އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ އެންމެ ލަސްވެގެން 1 މަސްދުވަސްކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ