ހަޅުތާލު ކުރުމުގެ ހައްގު ހަނިކުރި ގަވާއިދަކީ ގާނޫނުއަސާސީއާ ހިލާފު ގަވާއިދެއް ކަމަށާއި ނަމަވެސް މިއަދުން ފެށިގެން ހަ މަސް ދުވަހަށް އެ ގަވާއިދަށް އަމަލު ކުރެވޭނެ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މީގެ 12 އަހަރު ކުރިން 2011 ވަނަ އަހަރު ސަރުކާރުން ހަދާފައިވާ، ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުންތައް ހައްލުކުރުމުގެ ގަވާއިދު އޮންނަ ގޮތުން މުވައްޒަފުންނަށް ހަޅުތާލު ކުރެވޭނީ ސުލްހަވެރިކަމާ އެކު މަޝްވަރާ ކުރުމަށް ފަހު އަދި ލޭބާ ރިލޭޝަންސް އޮތޯރިޓީ މެދުވެރިކޮށްގެން ހައްލެއް ނުލިބިއްޖެ ނަމަ އެވެ.
އެ ގަވާއިދު ބާތިލްކުރަން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް އާއި މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަންގެ ފަރާތުންނެވެ.
ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ ގަވާއިދަކީ ގާނޫނު އަސާސީއާ ހިލާފް ގަވާއިދެއް ކަމަށްވާތީ އެ ގަވާއިދު ބާތިލްކުރާ ކަމަށެވެ. ނަމަވެސް އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލް ފާސްކުރެވެންދެން އެ ގަވާއިދަށް އަމަލު ކުރެވޭނެ ކަމަށް ނިންމައިދޭން ދައުލަތުން އެދިފައިވާތީ އެ ހުކުމަށް އަމަލު ކުރުން ހަ މަސް ދުވަހުގެ މުއްދަތަށް ފަސްކުރީ ކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
އެގޮތަށް ނިންމެވީ އެ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހަސަން މަޒީދާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ.
އެ މައްސަލާގައި ރައުޔު ތަފާތުވީ އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ. އެ ދެ ފަނޑިޔާރުންގެ ރައުޔުގައިވަނީ އެ ގަވާއިދަކީ ގާނޫނު އަސާސީއާ ހިލާފް ގަވާއިދެއް ނަމަވެސް އެ ހުކުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދޭން ނުޖެހޭނެ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ