ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށް ރައީސް އޮފީހުގެ ވަޒީރަކު ވިދާޅުވުމުން ނާއުއްމީދުވެ ވަޑައިގެންނެވި ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
ޔާމީން ރޭ ވަނީ އެމަނިކުފާނު އަލަށް އުފައްދަވާ ޕާޓީ "ޕީއެންއެފް" އިން ބޭއްވި ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންފައެވެ. ނަމަވެސް އެމަނިކުފާނަކީ ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ ބޭފުޅެކެވެ.
ސިޔާސީ ޕާޓީ އާއި ޖަމިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގަކީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ލިބިގެންވާ ކަމެއް ނޫނެވެ.
އެހެންކަމުން އެމަނިކުފާނު ޖަލްސާގައި ބައިވެރިވެވަޑައިގަތީ އާއްމު މެންބަރެއްގެ ހައިސިއްޔަތުންނެވެ. ރޭގެ ޖަލްސާ އަކީ އާއްމު މެންބަރުންގެ ސުވާލު ތަކަށް ވެސް ޖަވާބު ދޭ ގޮތަށް ކުރިޔަށް ގެންދިޔަ ޖަލްސާއެކެވެ.
އެ ޖަލްސާގައި ޔާމީން ވެސް ސުވާލެއް ކުރެއްވިއެވެ. އެ ސުވާލުގައި ޔާމީން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް އައި އެންމެ ބޮޑު ވައުދަކީ އިންޑިއާ ސިފައިން ބޭލުން ކަމަށެވެ. އަދި ވިދާޅުވީ ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅު އެކަން ވަރަށް ބާރަށް ކުރިޔަށް ދިޔަ ކަމަަށެވެ.
ނަމަވެސް ދާދިފަހުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ މިނިސްޓަރު ނާޒިމް ވަނީ އިންޑިއާ ސިފައިން ބޭލުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެކަމަށް އިޝާރާތް ކުރައްވާ ޔާމީން ވަނީ އެވާހަކަ އެގޮތަށް އެވިވަޑައިގަތުމުން ނާއުއްމީދު ވެވަޑައިގެންނެވި ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިގޮތަށް އިންޑިއާ ސިފައިން ބާލަން އަޅުގަނޑުމެން ވަރަށް ހިތްވަރާ އެކީގައި އައި ސަރުކާރެއް. ސަރުކާރުގެ ރައީސް އޮފީހުގެ ވަޒީރަކު މިހެން ވިދާޅުވީމާ އަޅުގަނޑު ވަރަށް ނާއުންމީދުވިޔޭ. ފަސޭހަ ކަމެއް ނޫނޭ. އެއްވެސް ކަމެއް ފަސޭހައެއް ނުވެދާނެ," ޔާމީން ވިދާޅުވިއެވެ.
ހަމައެއާއެކު ސަރުކާރުން ވަނީ އިންޑިއާ ސިފައިން މާޗު 15ގެ ކުރިން ބޭލުމަށް ރައީސް މުއިއްޒު ދަންނަވާފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް ރައީސް ޔާމީން ވިދާޅުވީ އެފަދަ އެއްވެސް ވާހަކައެއް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓު ކޮށްފައި ނުވާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ