ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރަން އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ގެނައި ބިލް ތަސްދީގު ނުކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިލެއްމުން ދެ ވަނަ ފަހަރަށް އެ ބިލް މިއަދު މަޖިލިހުން ފާސްކޮށްފި އެވެ.
އެ ބިލް ދެ ވަނަ ފަހަރަށް ފާސްކުރީ މިއަދު މަޖިލީހުގައި ނެގި ވޯޓުގައި 47 މެންބަރުންގެ ވޯޓުންނެވެ. މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 87 ކަމެއް ވާއިރު، އޭގެ އަޣުލަބިއްޔަތަކީ 43 މެންބަރުންނެވެ.
ގާނޫނުއަސާސީގައި ބުނާ ގޮތުން މަޖިލީހުން ބިލް ފާސްކުރާތާ ހަތް ދުވަސް ތެރޭގައި އެ ބިލް ތަސްދީގު ކުރުމަށް ރައީސަށް ފޮނުވަން ޖެހެ އެވެ. އެ ބިލް ރައީސަށް ލިބިވަޑައިގަންނަވާތާ 15 ދުވަސް ތެރޭގައި ތަސްދީގު ކުރަން ވާނެ އެވެ. ތަސްދީގު ނުކުރައްވާ ނަމަ 15 ދުވަސް ތެރޭގައި މަޖިލީހަށް ބިލް އަނބުރާ ފޮނުވާލަން ޖެހެ އެވެ.
ރައީސް މުއިއްޒު އެ ބިލް އަނބުރާ ފޮނުވައިލެއްމުން އެއްވެސް ބަދަލެއް ނުގެނެސް އަލުން ފާސްކުރުމުގެ ފުރުސަތު ވެސް މަޖިލީހަށް ލިބެ އެވެ. އެގޮތަށް ދެ ވަނަ ފަހަރަށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ބިލު ފާސް ކޮށްފި ނަމަ ރައީސް އެ ބިލް ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވަ އެވެ. އަދި 15 ދުވަސް ތެރޭގައި ތަސްދީގު ނުކުރެއްވިޔަސް ތަސްދީގު ކުރީ ކަމަށް ބެލެވޭނެ ކަމަށް ގާނޫނު އަސާސީގައިވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ މަހުގެ 17 ގައި މަޖިލިސް އިންތިހާބު ބާއްވާށެވެ. އެހެންކަމުން 15 ދުވަހުގެ މުއްދަތު އިންތިހާބުގެ ކުރިން ހަމަވާނެތީ މި ބިލާ އެކު އިންތިހާބު ފަސްކުރަން ޖެހޭނެ އެވެ.
އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް ޕާޓީން ބޭނުންވަނީ ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވާށެވެ. އެހެންވެ، އެ ދެ ޕާޓީން ބޭނުންވާ ގޮތަށް ގާނޫނަށް އިސްލާހު ގެނެސް އެ ބޭފުޅުންގެ ކޮންޓްރޯލް އޮންނަ ރައްޔިތުންގެ މަޖިލިހުން ފާސްކުރީ އެވެ.
އެ ބިލް ތަސްދީގު ނުކުރަން ރައީސް ނިންމެވީ މައިގަނޑު ފަސް ސަބަބެއްގެ މައްޗަށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. އެ ބިލް މިހާރު އޮތް ގޮތުން ގާނޫނުއަސާސީގެ ބައެއް މާއްދާތަކާ ފުށުއަރާ ކަމަށް ވެސް ބުނެފައިވެ އެވެ
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ