ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުގައި އަގުބޮޑު ކަރޯކޭ ސިސްޓަމެއް ބެހެއްޓި ކަމަށް ބުނެ ދެކެވޭ ވާހަކަތައް ރައީސް އޮފީހުން ދޮގުކޮށްފިއެވެ.
އެ ވާހަކަ ސޯޝަލް މީޑިއާގައި ދައުރުވާން ފެށީ ކުރީގެ ރައީސް ޔާމީން އުފައްދަވާ ޕީއެންއެފް އިން ކުރިޔަށް ގެންދިޔަ އެޕާޓީގެ އޮފީސް ޖަލްސާއެއްގައި މީހަކު ދެއްކެވި ވާހަކައަކާއި ގުޅިގެންނެވެ. އަދި އެއަށްފަހު "ދިޔަވަރު" ނަމަކަށް ކިޔާ އޮންލައިން ނޫހެއް [ރަޖިސްޓްރީ ނުކޮށް ހިންގާ ނޫހެއް]ގައި ވެސް އެ ވާހަކަތައް ގެނެސް ދީފައިވެއެވެ.
އަދި ވެސް ސޯޝަލް މީޑިއާގައި އެހެން ބައެއް ފަރާތްތަކުން މުލީއާގޭގައި ބަހައްޓާފައިވާ ކަމަށް ބުނާ ކަރޯކޭ ސިސްޓަމްގެ ފޮޓޯތައް ވެސް ދައުރުކުރިއެވެ. ނަމަވެސް ސަރުކާރަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި އެކަން ވަނީ ދޮގު ކޮށްފައެވެ.
މުލީއާގޭގައި އަގުބޮޑު ކަރޯކޭ ސިސްޓަމެއް ބެހެއްޓި ކަމަށް ބުނެ ދައުރު ކުރަމުން އަންނަ ވާހަކަތަކާއި ގުޅޭ ގޮތުން ރައީސް ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް މިއަދު "ހަތާވީސް" އަށް ވިދާޅުވީ އެ ވާހަކަތައް އެގޮތަށް ދައްކާ ބައެއް ފަރާތްތަކުން ދައްކާ ވާހަކައަކީ ކަނޑައެޅިގެން ބޮޑު ދޮގެއް ކަމަށެވެ. އަދި އެފަދަ އަގުބޮޑެތި ސިސްޓަމްތައް ގަތުމަކީ އެއްވެސް ދުވަސްވަރެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލާ އިން ކުރައްވާފައިވާ ކަމެއް ވެސް ނޫން ކަމަށް ހަލީލް ވިދާޅުވިއެވެ.
"މިފަދަ ދޮގުވާހަކަތައް ފަތުރަން މަސައްކަތްކުރާތީ ފެންނަނީ، ލިބުނު ފުރުސަތުގައި ދައުލަތުގެ ވަސީލަތްތަކާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމަށްފަހު، އެފަދަ ބޮޑެތި ހިޔާނާތްތައް ފޮރުވަން މަސައްކަތްކުރާ ފަރާތްތަކުން،" ހަލީލް ވިދާޅުވިއެވެ.
ހަލީލް ފާހަގަކުރެއްވި ގޮތުގައި ސައްހަ ނޫން ފޮޓޯތަކެއް މީޑިއާތަކަށް ނެރެ، އެފަދަ ދޮގު ތުހުމަތުތައް އަނެކުންގެ މައްޗަށް ކުރުމުގެ ބޭނުމަކީ މާޒީގައި އެ ފަރާތްތަކުން ކޮށްފައިވާ ނޭދެވޭ ކަންކަން ރައްޔިތުންގެ ހަނދާނަށް އަޔަނުދީ އެހެން ކަންކަމަށް ރައްޔިތުންގެ ފޯކަސް އަނބުރާލުން ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ