ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދޭނެ މެންބަރުންތަކެއް ތިބޭ މަޖިލީހަށް ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ފ. ނިލަންދޫ އަށް މިރޭ ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިއަދު ވެސް އެމަނިކުފާނު ތަކުރާރު ކުރައްވަމުން ގެންދަވާ ވާހަކަތަކަކީ މީގެކުރިން ވެސް [ރިޔާސީ އިންތިހާބުގައި] އެމަނިކުފާނު ދެއްކެވި ވާހަކަތައް ކަމަށެވެ. ދައްކަވާ ވާހަކައެއް ދައްކަވަނީ ހެޔޮ ނިޔަތުގައި ނަތީޖާ ނެރެދޭން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވަނީ ރާއްޖެ ތަރައްގީ ކުރެވިގެން ދާނީ ސަރަހައްދީ ތަރައްގީގެ ވިސްނުމުގެ ދަށުންކަމަށް މީގެކުރިން ވިދާޅުވި ވާހަކަފުޅު ތަކުރާރު ކުރައްވައިފައެވެ.
ރައީސް ވިދާޅުވީ ދެމެހެއްޓެނެވި ގޮތެއްގައި ތަރައްގީ ގެނެވޭނީ ސަރަހައްދުތަކެއް ތަރައްގީ ކުރެވިގެން ކަމަށެވެ. އެގޮތުން ރާއްޖޭގެ ހަތް ސަރަހައްދެއް އެއް ފެންވަރެއްގައި ހުރިހާ ހިދުމަތްތައް ލިބޭނެ ގޮތަށް ތަރައްގީ ކުރެވިގެން ދާނެ ކަމަށާއި ދުރު ރާސްތާ އަށް ތަރައްގީ ގެނެވޭނީ އޭރުން ކަަމަށް މިރޭ ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސްގެ ވާހަކަފުޅުގައި އެކަންކަން ކުރަން އެމަނިކުފާނު ނިންމެވީ ގާނޫނެއް ހަދައިގެންކަން ފާހަގަކުރެއްވިއެވެ. އަދި އެއީ 20 އަހަރު ދުވަހުގެ މާސްޓާ ޕްލޭނެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެ ޕްލޭން ހެދުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.
"ރައްޔިތުން އަޅުގަނޑަށް މިކަމަށް، ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖައްސައި ދޭނެ މެންބަރުން މަޖިލީހަށް ހޮއްވަވައި ދެއްވައިފިއްޔާ އެ ގާނޫނު ހެދިގެން ވެސް އަންނާނެ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ އެ ވިސްނުމަށް ހުރަސް އެޅުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ. އެއީ ފ. އަތޮޅުގެ ދާއިރާތަކަށް އިންތިހާބުވާ މަޖިލިސް މެންބަރުންނަކީ ސަރުކާރާ ދެކޮޅު ވިސްނުމުގެ މެންބަރުން ކަމަށް ވެއްޖެ ނަމަ އެކަންކަމަށް ހުރަސް އަޅާނެ ކަމަށާއި ހުރަސް އެޅިގެން ވެސް ދާނެ ކަމަށެވެ.
"މިދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި އެކަން ނޫންތޯ ފެނިގެން ދިޔައީ މަޖިލިސް ތެރެއިން،" ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ މަޖިލީހާ ނުލާ ތަރައްގީ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެގޮތުން އެމަނިކުފާނު ވަނީ މިއަހަރަށް ފާސް ކޮށްފައިވާ ބަޖެޓު ވެސް އޮތީ ވަރަށް "ހާލުގައި" ކަމަށް ވިދާޅުވެފައެވެ. މިއަހަރުގެ ބަޖެޓުގައި މަޝްރޫއުތައް ހިމަނާފައި ހުރީ "ނަމެއްގައި" ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރަށެއްގެ ބަނދަރެއް ހެދުމަށް ދެލައްކަ ރުފިޔާ ވެސް ހިމަނާފައި އެބަހުރި ކަމަށާއި އެކަމަކު އެއީ ސަރުކާރަށް އެއްބާރުލުން ދޭނެ މަޖިލީހެއް އޮވެއްޖެ ނަމަ ހިމަނާނެ އަދަދެއް ނޫން ކަމަށް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ