ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން ހުސްވެފައިވާ މެމްބަރު ކަމަށް އެ ކޮމިޝަންގެ ޓްރެއިނިންގ އިންސްޓިޓިއުޓްގެ ޑިރެކްޓަރ ޖެނަރަލް ފާތިމަތު ޙަބީބާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އެ ކޮމިޝަނުން ހުސްވެފައިވާ މަގާމަށް އައްޔަން ކުރަން ފެންނަ ދެ ނަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވެވިއެވެ. އެ ނަންތަކުގެ ތެރެއިން ފާތިމަތު ޙަބީބާއަށް މަޖިލީހުން ރުހުން ލިބުނީ 37 މެމްބަރުންގެ ވޯޓުންނެވެ.
ހަބީބާއަކީ އިންސާނީ ވަސީލަތް ގާއިމުކުރުމުގެ ދާއިރާގައި 15 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ފަރާތެކެވެ. ހިއުމަން ރިސޯސް މެނޭޖުމަންޓުގެ ދާއިރާއިން މެލޭޝިއާއިން މާސްޓާސް ޑިގްރީ ހާސިލު ކުރައްވާފައިވާ ހަބީބާ ސީއެސްސީގައި މަސައްކަތް ކުރައްވަން ފެއްޓެވީ 2010 ވަނަ އަހަރުއެވެ.
ސީއެސްސީގައި ހަބީބާ އައްޔަން ކުރެއްވި މަގާމުތަކުގެ ތެރޭގައި ޑިރެކްޓަރ މަޤާމުގެ އިތުރުން، އެކްޓިންގ ސީއީއޯ އަދި ލެކްޗަރަރއެއްގެ މަޤާމު 4 އަހަރުވަން ދެން އަދާކުރެއްވިއެވެ.
ދެހާސްފަނަރަ ވަނަ އަހަރުން ފެށިގެން ފާތިމަތު ޙަބީބާ މަސައްކަތް ކުރަމުން ގެންދަވަނީ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ހިންގުމުގެ އިސްވެރިޔާގެ ހައިސިއްޔަތުންނެވެ.
ސީއެސްސީގެ މެމްބަރުކަމަށް އައްޔަންކުރަން ރައީސް ޑރ. މުއިއްޒު މަޖިލީހަށް ފޮނުއްވެވި ލިސްޓުގެ ކުރީގައި އޮތް، އަބްދުލްހަސީބު އިސްމާއީލްގެ ނަން ފާސްކުރަން މަޖިލީހުން ރުހުން ނުލިބުނީ ދެ ވޯޓުގެ ފަރަގަކުންނެވެ. އޭނާ ސީއެސްސީއަށް އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 18 މެމްބަރުންނެވެ. އޭނާ އައްޔަން ކުރަން ނުފެންނަ ކަމަށް 19 މެމްބަރަކު ވޯޓު ދެއްވިއެވެ.
ސީއެސްސީއަކީ ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކަށް މުވައްޒަފުން ހޯދުމާއި، މީހުން ޢައްޔަންކުރުމާއި، މީހުންނަށް މަޤާމުގެ ކުރިއެރުން ދިނުމާއި، މީހުންގެ ވަޒީފާ ބަދަލުކުރުމުގެ އިތުރުން މީހުން ވަޒީފާއިން ވަކިކުރުމެވެ.
މީގެ 17 އަހަރު ކުރިން ފެށިގެން އަމަލު ކުރަމުންދާ ސީއެސްސީގެ ގާނޫނުގެ ދަށުން އެ ކޮމިޝަންގައި ފަސް މެމްބަރުން ތިއްބަވައެވެ. އެ ކޮމިޝަންގެ ރައީސަކީ މުހައްމަދު ނާސިހެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ