ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ދެ ދައުރު އަދާކުރިއިރު އެނގުނު އެއް ކަމަކީ ދިވެހި ދައުލަތުގައި އަދުލު އިންސާފު ނެތް ކަން ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން މިއަދު ވިދާޅުވެއްޖެއެވެ.
މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ މިއަދު ބޭއްވި އެންމެ ފަހު ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ އޭނާ މެމްބަރު ކަމަށް ވަޑައިގަތުމުގެ ކުރިން 2009 ވަނަ އަހަރު ފަނޑިޔާރު ކަމަށް ކުރިމަތިލުމުން ބޭއްވި އިންޓަވިއުއެއްގައި ކުރިއިންސާފަކީ ކޮބައިތޯ ސުވާލުކުރި ކަމަށެވެ. އޭގެ ޖަވާބު ހޯދަން އެތައް ސަތޭކަ ސޮފްހާގެ ދިރާސާއެއް ކުރެއްވި ކަމަށާއި އަދި މިއަދު މަޖިލީހުގައި ދެ ދައުރު ފުރިހަމަ ކުރެއްވުމަށްފަހު ވަޑައިގަންނަވާއިރު ދިވެހި ދައުލަތުން ފޯރުކޮށް ނުދޭ އެއްޗަކީ އިންސާފު ކަން ގަބޫލު ކުރައްވާ ކަމަށް އަލީ ވިދާޅުވިއެވެ.
"މި ދިވެހި ދައުލަތުގައި ނެތް އެއްޗަކީ ޖަސްޓިސް. އަޅުގަނޑަށް ދަސްވި އެއްޗަކީ އެއީ. މި ދިވެހި ދައުލަތުގައި މަދުވާ އެއްޗަކީ, މި ދިވެހި ދައުލަތުން ފޯރުކޮށް ނުދެވޭ އެއްޗަކީ ޖަސްޓިސް ނުވަތަ އަދުލުވެރިކަން ނުވަތަ އަދުލު އިންސާފު. އާދައިގެ ނިކަމެތި ރައްޔިތުންގެ ދަރިން ތިބީ އަދިވެސް ޖަލުތަކުގައި 'ވާނުވާގައި'. ބޮޑެތި މީސްމީހުން, ދައުލަތް ދަވާލި މީހުން, ދައުލަތް ލޫޓުވާލި މީހުންގެ މައްޗަށް ކުށެއް ސާބިތެއް ނުވޭ. ކުށެއް ސާބިތުވިޔަސް ދެން އަންނަ ހައި ކޯޓުން ނުވަތަ ސުޕްރީމް ކޯޓުން އެ މީހުން އެ ތިބީ ސަލާމަތްވެފައި." މަޖިލީހުގައި ދެ ދައުރު އަދާކުރެއްވި މެމްބަރު އަލީ ވިދާޅުވިއެވެ.
ގާނޫނީ ވަކީލެއް ކަމަށްވާ މެމްބަރު އަލީ ހުސައިން ވިދާޅުވީ ގާނޫނު އަސާސީއަށް އެންމެ އިސްލާހެއް ގެންނަން ނަމަ ގެންނަން ޖެހޭ އިސްލާހަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވޭ ގޮތް ބަދަލުކުރުން ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ކުރި މަސައްކަތުން ވެސް އެ ބަދަލު ގެނެސްފައިނުވާ ކަމަށް އަލީ ވިދާޅުވި އެވެ.
"އެ އިސްލާހު ފާސްނުވެ ދިއުމަކީ އަޅުގަނޑުމެން ހިތާމަ ކުރާ ކަމެއް." އޭނާ ވިދާޅުވި އެވެ.
އަލީ ހުސައިން ވިދާޅުވީ ދައުލަތުގައި އިންސާފު ނެތުމަކީ އޭނާ ހިތާމަ ކުރައްވާ ކަމެއް ނަމަވެސް ރައްޔިތުން އޭނާއަށް ދެއްވި ފުރުސަތަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ