ފަލަސްތީނުގެ ބިމަށް ވެރިވެގަނެ، އެ ގައުމުގެ މީހުން މަރައި، ގަތުލްއާންމު ހިންގަމުންދާ އަނިޔާވެރި ޔަހޫދީ ދައުލަތް، އިޒުރޭލު މީހުންގެ ޕާސްޕޯޓް މަނާކުރަން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
މާދަމާގެ ޖަލްސާގައި އިއްވާނީ މީކާއިލް ހުށަހަޅާފައިވާ ބިލުގެ ފުރަތަމަ ކިޔުމެވެ. "ފުރަތަމަ ކިޔުން އިއްވުމަ"ކީ ބިލުގެ ސުރުހީ މަޖިލީހަށް އިއްވުމެވެ. އެއަށްފަހު އެ ބިލު މެމްބަރުންނަށް ހިއްސާކުރާނެއެވެ. ބިލުގެ ބަހުސް އެ ދުވަހުގެ ޖަލްސާގައި ކުރިއަށް ނުގެންދާނެއެވެ. ބިލު ބަހުސް ކުރިއަށް ގެންދާނީ ދެން އަންނަ ޖަލްސާއެއްގައެވެ.
ނަމަވެސް މަޖިލީހުގެ ރައީސަށް ލިބިގެންވާ ބާރުގެ ދަށުން ބިލުގެ "ތިން ކިޔުން" ވެސް އެއް ދުވަހެއްގައި ކުރިއަށް ގެންދެވިދާނެއެވެ. ނަމަވެސް އެގޮތަށް އަމަލު ކުރަނީ ހާއްސަ ބިލުތަކަށެވެ.
އިޒުރޭލުގެ ޕާސްޕޯޓް މަނާކުރުމަށް މީކާއިލް އިސްލާހު ހުށަހަޅުއްވާފައި ވަނީ އިމިގްރޭޝަންގެ ގާނޫނަށެވެ. އެ ގާނޫނަށް އޭނާ ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ އިޒުރޭލުގެ ޕާސްޕޯޓް ގެންގުޅޭ މީހުން ރާއްޖެ އެތެރެވުން މަނާވާނެ ކަމަށެވެ. އެ މީހުންގެ ތެރޭގައި އެހެން ގައުމުތަކުގެ ޕާސްޕޯޓް ގެންގުޅޭ އިޒުރޭލު މީހުން ވެސް ހިމެނޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.
ސަރުކާރުން ވެސް ވަނީ އިޒުރޭލު ޕާސްޕޯޓް ރާއްޖޭގައި މަނާކުރަން ގާނޫނަށް އިސްލާހު ގެނައުމަށް މަސައްކަތް ފަށާފައެވެ. އެ މަސައްކަތް ކުރުމަށް ވަޒީރުންގެ މަޖިލީހުގެ ކޮމެޓީއެއް ނަގައި، އިއްޔެ ވަނީ އެ މަސައްކަތް ފަށާފައެވެ.
ސަރުކާރުގެ އެ ނިންމުމާ އެކު، ބޭރުގެ މީޑިއާތަކުގެ ސަމާލުކަން އެކަމަށް ވަނީ ލިބިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ