ސިއްހީ ހިދުމަތް ހޯދުމަށްޓަކައި ކިއޫގައި ތިބެން ޖެހެނީ ހަމައެކަނި ދިވެހިރާއްޖޭގެ ރައްޔިތުން ނޫން ކަމަށާއި ޔޫރަޕާއި އޭޝިއާގެ އެހެން ގައުމުތަކުގައި ވެސް އެކަން އޮންނަނީ ހަމަ އެގޮތަށް ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރް މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން އިމްރާން ލަޠީފް ހުށަހަޅުއްވާފައިވާ، ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް މިއަދުގެ މަޖިލިސް ޖަލްސާގައި ބަހުސް ކުރައްވަމުން ގަޕޯ ވިދާޅުވީ ސިއްހީ ނިޒާމަކީ ދައުލަތުގެ ބަޖެޓުން މިހާރުވެސް އެންމެ ބޮޑު ހޭދައެއް ކުރާ ނިޒާމު ކަމަށެވެ. އެގޮތުން ގާތްގަނޑަކަށް ފަސް ބިލިއަން ރުފިޔާ އަހަރެއްގެ މައްޗަށް ސިއްހީ ނިޒާމަށް އެކަނި ހޭދަ ކުރަމުން އަންނަ ކަމަށް ގަޕޯ ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ވެރިކަން ކުރި ހުރިހާ ވެރިކަމެއްގައި ވެސް ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
"ދެން ހޮސްޕިޓަލަށް ދައްކަން އައުމަށްފަހު ވަރަށް ގިނައިރު ކިއޫގައި ހުންނަން ޖެހެއޭ ނަންބަރެއް ނުލިބޭ މިއީ ހަމަ އަންނަ ޝަކުވާ. ހަމަ އެޝަކުވާ އޮތީ ޔޫރަޕުގައިވެސް. އަދި އޭޝިއާގެ އެހެން ގައުމުތަކުގައި ވެސް އޮތް ޝަކުވާތަކެއް އެއީ،" ގަޕޯ ވިދާޅުވިއެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބޭނުންވާ ސްޕެޝަލިސްޓަކަށް ނަންބަރު ނަގައިގެން ބޭނުން ވަގުތަކު ދެއްކޭ ގޮތަށް ނޯންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އެކި ދަރަޖައިގެ ޑޮކްޓަރުން ތިބޭއިރު އެކި ބަލިތަކަށް އެ ޑޮކްޓަރުންނަށް ބަލި މީހުން ބެލޭ ގޮތަށް ނިޒާމު ބައްޓަންވުމުން ސްޕެޝަލިސްޓު ޑޮކްޓަރަށް ދައްކަން އަސްލު ބޭނުންވާ މީހާއަށް އެ ޑޮކްޓަރަށް ދެއްކުމަށް ފަސޭހަވެގެން ދާނެ ކަމަށް ވިދާޅުވިއެވެ.
"ހާއްސަ ޑޮކްޓަރަކަށް ދައްކަން ބޭނުން ވަނީ ކޮން ކަހަލަ ބައްޔަކާއި ގުޅިގެންތޯ ސާފުވާން އެބަޖެހޭ. ހުން އަންނަ މީހާ އައިޖީއެމްއެޗުގައި ހުންނަ ސްޕެޝަލިސްޓަށް ދައްކަން ޖެހުނީމާ ދެން ހަގީގަތުގައި އެކަން ބޭނުންވާ މީހާ އަށް އެ ފުރުސަތު ވަނީ ނުލިބިފައި،" ގަޕޯ ވިދާޅުވިއެވެ.
ރާއްޖޭގެ ސިއްހީ ނިޒާމަކީ ފެއިލްވެފައިވާ ސިއްހީ ނިޒާމެއް ނޫން ކަމަށާއި ސިއްހީ ނިޒާމު ފެއިލްވެފައިވާ ނަމަ ކޮވިޑް19ގެ ބަލި މަޑުކަމުގައި ރަނގަޅު ކާމިޔާބީއެއް ރާއްޖެ އަށް ނުހޯދުނީސް ކަމަށް ގަޕޯ ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ