ރައްޔިތުންނާއި ގައުމަށް ގެއްލުންވާ ކަންކަމުގައި ނުރުހުން ފާޅުކުރައްވާނެ ކަމަށާއި އަދި އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންފި ނަމަ އެކަން ކުރަންވެސް ކެރިވަޑައިގަންނަވާނެ ކަމަށް އެމްއެމްއޭގެ ގަވަރުނަރު ކަމުގެ މަގާމަށް އައްޔަން ކުރުމަށް މަޖިލީހަށް ނަން ފޮނުއްވާފައިވާ ޑރ. އަހްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގައި ހުންނެވި އަލީ ހާޝިމް އެ މަގާމުން ވަކި ކުރުމުގެ ލަފާ ރައީސުލްޖުމްހޫރިއްޔާ އަށް އެރުވުމަށް މަޖިލީހުން ފާސް ކުރުމުން އަލީ ހާޝިމް އެ މަގާމުން ވަކި ކުރައްވާ، އެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ފަހުކޮޅު ފިނޭންސް މިނިސްޓަރު އަދި މި ސަރުކާރުގެ އެޑްވައިޒާ ޓު ދަ މިނިސްޓާ އޮފް ފައިނޭންސް މުނައްވަރުގެ ނަން މަޖިލީހަށް ފޮނުއްވައިފައެވެ.
މާލިއްޔަތު ކޮމެޓީން އަންނަނީ މުނައްވަރުގެ ނަން ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އޭނާއާ މެދު އާއްމުން ދެކޭ ގޮތް ބަޔާން ކުރުމަށް އާއްމުންގެ ހިޔާލަށް ވެސް ހުޅުވާލިއެވެ. އަދި މިއަދު މާލިއްޔަތު ކޮމެޓީން ވަނީ މުނައްވަރާ އިންޓަވިއު ކުރައްވައިފައެވެ.
އެ އިންޓަވިއުގައި މުނައްވަރު ވިދާޅުވީ ސަރުކާރުން ދިވެހި ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ކުރާނަމަ އެފަދަ އެއްވެސް ކަމަކަށް ހުރަސް ނާޅުއްވާނެ ކަމަށެވެ. އެކަމަކު ރައްޔިތުންނަށް އަދި ގައުމަށް ވެސް ގެއްލުން ވާކަމެއް ސަރުކާރުން ކުރާ ނަމަ އެކަމުގެ މަޝްވަރާ ދެއްވާނެ ކަމަށާއި ނުރުހުންވެސް ފާޅުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
"އަދި އިސްތިއުފާ ދޭން ޖެހިއްޖިއްޔާ އިސްތިއުފާ ދޭނަން،" މުނައްވަރު ފާހަގަކުރެއްވިއެވެ.
މުނައްވަރު ވިދާޅުވީ އޭނާ ގަބޫލުކުރާ އުސޫލުތަކެއް ހުންނާނެ ކަމަށާއި އެ އުސޫލުތަކުގައި ހިފަހައްޓާނެ ކަމަށެވެ.
މުނައްވަރު ވަނީ އޭނާގެ ޓްރެކް ރިކޯޑަށް ބެލުމުން ވެސް އެކަންކަން ފާހަގަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ތަކުރާރުކޮށް ވިދާޅުވީ އިސްތިއުފާ ދެއްވަން ކެރިވަޑައިގަންނަވާނެ ކަމަށެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި