އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމަށް މަޖިލީހުގެ މިހާރުގެ ރައީސް އަބްދުއްރަހީމްގެ ނަންފުޅު ޔާމީން އަމިއްލަފުޅަށް ހުށަހެޅުއްވުމަށް ފަހު، އެންމެ ފަހު ވަގުތު އެކަން އެމަނިކުފާނު ފެއިލް ކޮށްލެއްވި ކަމަށް އަބްދުއްރަހީމް (އަދުރޭ) ތުހުމަތު ކުރައްވައިފިއެވެ.
އެކަމަށް އިޝާރާތްކޮށް، އަބްދުއްރަހީމް ރޭ ވިދާޅުވީ ޔާމީން އޭނާއަށް ދެއްވީ "ލަގާ" ކަމަށެވެ. ލަގާގެ މާނައަކީ މީހަކަށް ދޭ ބޮނޑިއެއް، މީހަކަށް ދޭ ކެއްސެއް ނުވަތަ މީހަކަށް ދޭ ދެރައެކެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު މަޖިލީހުގައި ނެގި ސިއްރު ވޯޓަކުން، އަބްދުއްރަހީމާ ވާދަ ކުރައްވައި، މަޖިލީހުގެ ނައިބު ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ އޭރުގެ މެންބަރު ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސަ މަނިކެވެ.
ޕީއެންސީން ރޭ ބޭއްވި އެ ޕާޓީގެ ހަރުގެ ޖަލްސާގައި ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ދިފާއު ކުރުމަށްޓަކައި އެމަނިކުފާނާއެކު ސާބިތުކަމާއެކު ހުންނެވި ކަމަށެވެ. މަޖިލިސް ރައީސް ކަމުގައި ހުންނެވި ނަމަވެސް، ރައްދު ދެއްވަން ޖެހޭ ތަނެއްގައި ރައްދު ވެސް ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިއީ [މަޖިލިސް ރައީސް ކަމުގެ މަގާމު] ފިނި ކޮޓަރީގައި އިނދެފައި އައި ތަނެއް ނޫނޭ. މިއީ ވާރުތަވެގެން ލިބުނު އެއްޗެއް ނޫނޭ. މިއީ މަސައްކަތް ކޮށްގެން ހޯދި މަގާމެއް،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުސައިން މުހައްމަދު ލަތީފް ވެސް ބައިވެރިވެވަޑައިގެންނެވި އެ ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ ހަޔާތުގެ 30 އަހަރު މަސައްކަތް ކުރެއްވީ ޔާމީނާ އެކުގައި ކަމަށާއި މުޅި ސިޔާސީ ހަޔާތް އެއްކޮށްހެން ހިދުމަތް ކުރެވުނީ ޔާމީނުގެ އަރިހުގައި ކަމަށެވެ.
އެފަދަ ބޭފުޅުންނަކީ މީހުން ކޮށްފައިވާ ހިދުމަތުގެ އަގު ވަޒަން ކުރަން ނޭނގޭ މީހުން ކަމަށާއި އެފަދަ މީހުންނަކީ ހިޔާނާތްތެރިން ކަމަށް އަބްދުއްރަހީމް ސިފަ ކުރެއްވިއެވެ.
މިއަދު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒަށް ރާއްޖޭގައި އޮތް ތާއީދު ފެނުމުން ރައީސް ޔާމީނަށް ދެން ރާއްޖޭގެ ވެރިކަން ނުލިބޭނެކަން ހުދު އެމަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާ ކަމަށް އަބްދުއްރަހީމްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރައީސް މުއިއްޒާއި އެމަނިކުފާނުގެ ސަރުކާރާ ރައްޔިތުންނާއި ޖައްސަން ކުރާ ކޮންމެ މަސައްކަތަކުން ވެސް ވެއްޓިގެން ދާނީ ޔާމީނުގެ އަގު ކަމަށެވެ.

ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި