ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާބަން ސެންޓަރުތަކެއް ކަނޑައެޅުމުގެ ގާނޫނީ ބާރު ދޭ އާބަން ޑިވެލޮޕްމަންޓް ބިލުގެ ސަބަބުން ލާމަރުކަޒީ ނިޒާމު "ތަޅުއެޅިގެން" ދާނެ ކަމަށް ސިޓީސް އެންޑް ލޯކަލް ގަވަރްމަންޓް މިނިސްޓްރީން ބުނެފިއެވެ.
މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ އިން ދިރާސާ ކުރަމުން އަންނަ އެ ބިލާ ގުޅޭ ގޮތުން ސިޓީސް އެންޑް ލޯކަލް ގަވަރްމަންޓް މިނިސްޓްރީގެ ބޭފުޅުން ވަނީ އެ ކޮމެޓީ އަށް ވަޑައިގެން، ބިލާ ގުޅޭ ގޮތުން ހިޔާލު ހޯއްދަވައިފައެވެ.
ކޮމެޓީގައި ވާހަކަދައްކަވަމުން ލޯކަލް ގަވަރްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ހާޝިމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ ވެސް އަދި މަގުސަދަކީ ވެސް ކައުންސިލްތައް ބާރުވެރިކުރުވުން ކަމަށެވެ. އަދި ކައުންސިލްތަކާ ވަރަށް ގާތުން ނިޒާމް ހިންގުން ކަމަށެވެ.
އެހެންނަމަވެސް އޭނާ ވިދާޅުވީ މިހާރު އާބަން ޑިވެލޮޕްމަންޓް ބިލު އޮތް ގޮތުން އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ބާރު ވަރަށް ބޮޑަށް ހަނިވެގެންދާނެ ކަމަށެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މޫސާ ފަތުހީ އާދަމް ލާމަރުކަޒު ކުރުމުގެ މަހުފޫމަކީ ގައުމީ އަދި ރަށާއި އަތޮޅުގެ އިތުރުން ސިޓީގެ ކަންކަމުގައި ރައްޔިތުން ބަސް ބުނުމުގެ ނިޒާމު އަށަގެންނެވުން ކަމަށެވެ.
"އާބަން ޑިވެލޮޕްމެންޓް ބިލްގައިވާ ބައެއް ކަންކަމުގައި ވެސް ރައްޔިތުންގެ ޝާމިލުވުން އިތުރަށް ފުޅާކުރަން ޖެހޭ،" ފަތުހީ ފާހަގަކުރެއްވިއެވެ.
ވިލިނގިލީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާޒިމް އަބްދުލް އަޒީޒު ހުށަހަޅާފައިވާ އެ ބިލުގައި އާބަން ރީޖަންތައް ކަނޑައެޅުމާއި އެ ތަންތަން ތަރައްގީކޮށް ހިންގުމުގެ ސިޔާސަތު ކަނޑައަޅާނީ މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިްޔާ ކަމަށް ބަޔާން ކޮށްފައިވެއެވެ.
އެ ބިލުގައި ރާއްޖޭގެ ސަރަހައްދުތައް ތިން ބަޔަކަށް ބަހާލައެވެ. އެއީ މެޓްރޮޕޮލިޓަން ސަރަހައްދާއި އާބަން ރީޖަން އާއި އާބަން ސެންޓަރުތަކެވެ. މި ސެންޓަރުތައް ކަނޑައަޅާ ބައި ކުރަނީ އާބާދީއަށް ބެލުމަށްފަހުއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ