ލޯކަލް ކައުންސިލްތަކުގެ ބާރު ގެއްލޭހެން އާބަން ޑިވެލޮޕްމަންޓް ބިލުގައި ހުރި ކަންކަން ބަދަލުކުރުމަށް ޑިމޮކްރެޓްސްއިން ގޮވާލައިފިއެވެ.
ޑިމޮކްރެޓްސްއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އާބަން ޑިވެލޮޕްމަންޓް ބިލު ފާސް ވެގެން ހިނގައްޖެނަމަ ގާނޫނުއަސާސީ ތަސައްވުރުކުރާ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ހަމަ ނެތިދާނެތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.
"ވަކިން ހާއްސަކޮށް މިބިލުގެ 10 ވަނަ މާއްދާ މިހާރު އޮތީ ލާމަރުކަޒީ ނިޒާމު ނެގެހެއްޓުމާއި ހަރުދަނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައިވާ އަދި ތަކުރާރުކޮށް ދެއްވަމުންގެންދަވާ ޑިމޮކްރެޓިކް ކޮމިޓްމަންޓާ ދިމާ އިދިކޮޅަށް، އެ ކޮމިޓްމަންޓަށް ރިއާޔަތެއް ނެތިކަމަށް މި ޕާޓީއިން ދެކެމެވެ،"ޑިމޮކްރެޓްސްގެ ބަޔާނުގައިވެއެވެ.
އާބަލް ޑިވެލޮޕްމަންޓް ބިލުގެ 10 ވަނަ މާއްދާގައި ބުނެފައި ވަނީ އަރބަން ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާ ސަރަހައްދަކީ ކައުންސިލެއްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދެއް ކަމަށް ވީނަމަވެސް، އެ ސަރަހައްދެއް ޕްލޭންކުރުމުގައި ތަރައްގީ ކުރުމުގައި އަމަލު ކުރާނީ ބިލުގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށެވެ.
ޑިމޮކްރެޓްސްއިން ބުނީ އާބަން ޑިވެލޮޕްމަންޓް މިހާރު ބިލު އޮތްގޮތުން، އާބަން ސަރަހައްދެއް ކަމަށް ކަނޑައަޅާ ސަރަހައްދެއް ޕްލޭންކުރުމާއި ތަރައްގީކުރުމުގައި ލޯކަލް ކައުންސިލްތަކުގެ ދައުރާއި ބާރު އެއްވެސް މިންވަރަކަށް ނެތް ކަމަށެވެ.
"ގުޅީފަޅާއި، ގިރާވަރުފަޅާއި، ފުށިދިއްގަރުފަޅު ހިއްކާ، އާބަން ސެންޓަރުތަކެއް ތަރައްގީކުރަން ފައިނަގާ މިދަނޑިވަޅު އެސަރަހައްދުތައް ޕްލޭންކޮށް ތަރައްގީކުރަނީ ހުޅުމާލެ ޕްލޭންކޮށް ތަރައްގީކުރިގޮތާ ހިލާފަށް، ގާނޫނުއަސާސީގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގާންވާނެކަމަށް ބަޔާންކުރާ ލާމަރުކަޒީ އުސޫލުންކަމަށް މިޕާޓީއިން ދެކެމެވެ. ލާމަރުކަޒީ ނިޒާމުގެ ބޭރުން، ޑިމޮކްރެޓިކް ކޮންޓްރޯލް ނެތި ހޯދޭނެ އާބަން އަދި އެހެންއެފަދަ ތަރައްގީއެއްވެސް ނެތްކަން އިންސާނީ ތަޖުރިބާ ދައްކައެވެ،" ޑިމޮކްރެޓްސްގެ ބަޔާނުގައިވެއެވެ.
ޑިމޮކްރެޓްސްއިން ދެކެނީ ލާމަރުކަޒީ ނިޒާމު ހިންގައި ކުރިއެރުވުމަކީ ދުސްތޫރީ ގޮތުން ވެސް އަދި ޑިމޮކްރެޓިކް ހަމަތަކުން ވެސް އިހުތިޔާރީ ކަމެއް ނޫން ކަމަށާއި އެއީ ދައުލަތުގެ ވާޖިބެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި