މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ކުރިޔަށް ގެންދިޔަ ބޮޑު އޮޕަރޭޝަނުގައި ވިސާ ފުރިހަމަ ނޫން 200އަށްވުރެ ގިނަ ބިދޭސީންނަށް ނޯޓިސް ދީފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި މިރޭ ބުނީ އިއްޔެ ހަވީރު 16:00 އިން 18:00 އަށް މާލޭގައި ހިންގުނު ހާއްސަ ހަރަކާތުގައި ވިސާ ފުރިހަމަ ނޫން 273 ބިދޭސީންނަށް ނޯޓިސް ދީފައިވާ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް އެމީހުން ލައްވާ މަސައްކަތްކުރުވާ 120 ދިވެހިންނަށް ވަނީ ލިޔުމުން ނަސޭހަތް ދީފައިވާ ކަމަށެވެ.
އަދި އެ އިންސްޕެކްޝަންގައި، ބިދޭސީންގެ ތެރެއިން ފިލައިގެން އުޅޭ ކަމަށް ރިޕޯޓުކޮށްފައިވާ 10 މީހަކު ހޯދާފައިވާއިރު އެ މީހުން އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ އިއްޔެ މާލޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 582 ތަނެއް ބަލައި ފާސްކޮށް، 1,025 ބިދޭސީންނާ ވަނީ ސުވާލުކޮށްފައިވާ ކަމަށެވެ.
އިއްޔެ ކުރިއަށް ގެންދެވުނު އޮޕަރޭޝަނަކީ / އިންސްޕެކްޝަނަކީ އިމިގްރޭޝަންގެ 74 އަހަރުވީ ދިގު ތާރީހުގައި، މިހާތަނަށް އެންމެ ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވެ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ހިންގުނު އެންމެ ބޮޑު ހަރަކާތެވެ.
އެ ހަރަކާތުގައި 211 އިމިގްރޭޝަން އޮފިސަރުން ބައިވެރިވިއިރު ކޮންޓްރޯލް އޮފް އިމިގްރޭޝަނާއި އެ އިދާރާގެ އެހެން އިސްވެރިންވެސް ބައިވެރިވެވަޑައިގަތެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ