ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް މަރުތޭލަކުން ބަޔަކު ހަމަލާދިން މައްސަލަ ކޯޓަށް ފޮނުވިތާ ދެ ހަފުތާ ވީތަނާ އެ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުން އިއްޔެ ފަށައިފި އެވެ.
ޕީޖީގެ މަގާމުގައި ހުންނަވަނިކޮށް މިދިޔަ ފެބްރުއަރީ މަހު ޝަމީމް ދިރިއުޅުއްވާ ގެ ކައިރިން އޭނާއަށް މަރުތޭލަކުން ހަމަލާދިނީ ހެލްމެޓް އަޅައިގެން ތިބި ބަޔަކު އޭނާއަށް ފާރަލަމުން ދިއުމަށްފަހު އެވެ. އެ ހަމަލާގައި އޭނާގެ އަތުގެ ކަށިތަކުގައި ރެނދުލާފައިވެ އެވެ.
އެ މައްސަލާގައި ދައުލަތުން ދައުވާކުރަނީ ރ. އަލިފުށީ ރިވެލި މިދުހަތު އާދަމާއި ލ. ގަމު ތުނޑީ އަވަށު ޖަވާހިރުވިލާ، މުހައްމަދު ޖަޒްލާނާއި އދ. މާމިގިލީ ކެމީހިޔާ ޒަޔާން ނަސީރާއި ތ. ދިޔަމިގިލީ ރުވާ، އަބްދުލްހަންނާނާއި ލ. މާމެންދޫ މުރިނގު، ރަޖުވާން ލަތީފާއި ދަފްތަރު ނަމްބަރު 2247، އަހުމަދު މައިސާން ހާޝިމްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާ އެވެ.
އެ މައްސަލާގެ ޝަރީއަތް ފެށުމަށް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުވާލިބޭ ހަތް މީހުންގެ ތެރެއިން ހަ މީހުންގެ ފަރާތުން އެދުނީ ވަކީލުން އައްޔަން ކުރުމުގެ ފުރުސަތެއް ދިނުމަށެވެ. އެހެންކަމުން އެ މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހްސާން ވަނީ ވަކީލުން އައްޔަން ކުރަން 10 ދުވަހުގެ މުއްދަތެއް ދެއްވާ ކަމަށެވެ.
ނަމަވެސް ދައުވާލިބޭ މީހުންގެ ތެރެއިން މައިސާން މިއަދު ކޯޓަށް ހާޒިރު ނުކުރެވޭތީ އޭނާގެ ބައި މިއަދު ކުރިއަކަށް ނުގެންދެ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ