އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ކުރާ މަސައްކަތަކީ އެ ދެ ކޮމިޝަން ރައީސްގެ މުށުތެރެއަށްލުމަށް ކުރާ މަސައްކަތެއް ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ބާއްވާ އިންތިހާބުތައް ބޭއްވުމުގެ ޒިންމާ މަތިކޮށްފައިވާ އީސީ އާއި ކޮރަޕްޝަންގެ އަމަލުތައް ތަހުގީގު ކުރުމުގެ ޒިންމާ އޮތް އޭސީސީއަކީ ވަކި ކޮޅަކަށް ނުޖެހި މިނިވަންކަމާ އެކު މަސައްކަތް ކުރާ މުސްތަގިއްލު ކޮމިޝަންތަކަށް ވުމަކީ އެ ކޮމިޝަންތަކުގެ އަސާސީ ސިފައެއް ކަމަށެވެ. ނަމަވެސް ގާނޫނުއަސާސީއިން ކަނޑައަޅާފައި އޮތް މިނިވަންކަމާއި، މުސްތަގިއްލުކަމުގެ ސިފަ އެ ކޮމިޝަންތަކުން ގެއްލުވާލައި ރައީސްގެ މުށުތެރެއަށް ކޮމިޝަންތައް ލުމަށް މަސައްކަތް ކުރަމުން ދަނީ ރައްޔިތުންގެ ބާރު ކަނޑުވާލައި ކޮމިޝަންތަކުގެ މަސައްކަތަށް ނުފޫޒު ފޯރުވުމަށް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
"އީސީ އާއި އޭސީސީގެ ރައީސް އާއި ނައިބު ރައީސުންނަކީ ވެސް މި ކޮމިޝަންތައް ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރަން ޖެހޭ ބޭފުޅުންނެވެ. ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުން އެ މަގާމުތަކަށް ބޭފުޅުން އައްޔަނު ކުރެވޭ ގޮތަށް އޮތް މާއްދާތައް ބަދަލުކުރަނީ ސަރުކާރުން މި ކޮމިޝަންތަކުގެ މިނިވަންކަމާއި މުސްތަގިއްލުކަން ނަގާލައި ސިޔާސީ ނުފޫޒު ފޯރުވުމެވެ،" އެމްޑީޕީގެ ބަޔާނުގައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގައި އޮތް ސަރުކާރުގެ ސުޕަމެޖޯރިޓީ ބޭނުންކޮށްގެން ރައީސަށް މުޅި ދައުލަތުގެ ހުރިހާ ބާރަކަށް ނުފޫޒު ފޯރުވޭ ގޮތަށް ރައީސް އޮފީހަށް ހުރިހާ ބާރެއް ޖަމާކުރުމަށް ކުރަމުންދާ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް އެމްޑީޕީން ގޮވާލާފައިވެއެވެ.
އެމްޑީޕީން ބުނީ އީސީ އާއި އޭސީސީގެ އިސް ހިންގުންތެރިން އައްޔަނުކޮށް ވަކިކުރުމުގެ ބާރު ގާނޫނުން އެ ކޮމިޝަންތަކަށް ދޫކޮށްލާފައި އޮތީ ގާނޫނުއަސާސީގެ 167 ވަނަ މާއްދާއާއި، 199 ވަނަ މާއްދާގައި، އެ ކޮމިޝަންތަކަކީ މިނިވަން މުސްތަގިއްލު ކޮމިޝަންތަކަކަށް ވާންޖެހޭނޭ ކަމަށް ކަނޑައަޅާފައި އޮތުމުން ކަމަށެވެ. އެ ކޮމިޝަންތަކުގެ އިދާރީ ހިންގުމުގެ ހުރިހާ ޒިންމާއެއް އުފުލާ މީހުންނަކީ ރައީސް ކަނޑައަޅާ ބަޔަކަށް ހެދުމަކީ ވެރިކަން ހިންގާ ބާރުގެ ސީދާ ނުފޫޒު އެ ކޮމިޝަންތަކުގެ މައްޗަށް ފޯރުވުމުގެ ނާތަހުޒީބު އަމަލެއް ކަމަށް އެ ޕާޓީގެ ބަޔާނުގައިވެއެވެ. އަދި އެއީ ޑިމޮކްރެސީގައި ދިވެހިން މިކުރާ ދަތުރުގައި، އެތައް ބައެއްގެ މިންނެތް މަސައްކަތުން އެކަށައެޅި ނިޒާމުގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް ވެސް ބަޔާނުގައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ