އެއްވެސް މިނިވަން މުއައްސަސާއަކަށް ނުފޫޒު ނުފޯރުވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
އެކްސްގައި ރައީސް މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ްދައުލަތުގެ އެއްވެސް ބާރެއް ނުވަތަ މިނިވަން މުއައްސަސާއެއް ނުވަތަ އިންތިހާބު ކުރެވޭ އެއްވެސް ބައެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ މިއަދާ ހަމަޔަށްވެސް އެމަނިކުފާނު ކުރެއްވި ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ކަމެއް ކުރިޔަށް އޮތް ތާނގައިވެސް ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
"އޭގެ ބަދަލުގައި، އެފަދަ ފަރާތްތަކުން އަދުލުވެރިކަމާއި، އިންސާފާއި، ހަމަހަމަކަމާއެކު، ވަކި މީހަކަށް ބެލުމެއްނެތި، ހަލުއި ދުވެލީގައި މަސައްކަތްކުރަމުން ދޭތޯ ކަށަވަރުކުރުމާއި އެ މަގަށް ކަންކަން ބައްޓަން ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް، ގާނޫނާއި ގަވާއިދަށް ގެންނަންޖެހޭ އިސްލާހެއްވާނަމަ އެ އިސްލާޙެއް ގެންނަން ސަރުކާރުން ހުށަހަޅަމުން ގެންދާނެ ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި މިވަނީ އޭސީސީ އާއި އިލެކްޝަންސް ކޮމިޝަންގެ ބާރު ކަނޑުވާލަން ރައީސް އުޅުއްވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރައްވަމުން އަންނަ ދަނޑިވަޅެއްގައެވެ.
ސަރުކާރުން ވަނީ އޭސީސީ އަދި އިލެކްޝަންސް ކޮމިޝަނުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފައެވެ.
އިސްލާހުގައި ބުނެފައި ވަނީ އެ ދެ ކޮމިޝަނުގެ ރައީސް އަދި ނާއިބު ރައީސް އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އެކަން ކުރާނީ އެ ކޮމިޝަނުތަކުގެ އެ ދެ މަގާމަށަ ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅާ ނަމެއް ފާސް ކޮށްގެންނެވެ.
އެ ދެ ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރެވޭނީ، މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވުމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ