ހަށިގަނޑު ހާމަ ކޮށްގެން ކުރާ މަސައްކަތަކުން އެއްވެސް މީހަކަށް ލިބޭނެ ކާމިޔާބެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި މިވަނީ މިއަހަރުގެ މިސް ޔުނިވާސްގައި ދިވެއްސަކު ބައިވެރިވާން ނިންމާފައިވާ މައްސަލާގައި ސަރުކާރުގެ ސްޓޭންޑް ހާމަކޮށް ނެރެފައިވާ ބަޔާނަށް ބައެއް ފަރާތްތަކުން ފާޑު ކިޔަމުން އަންނަ ދަނޑިވެއްގައެވެ.
ދިވެހި ސަރުކާރުގެ ފަރާތުން ޔޫތު މިނިސްޓްރީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ދިވެހިންގެ ދީނާއި އަގީދާ އާއި ސަގާފަތާއި ނުގުޅޭ ހަރަކާތްތަކާއި މުބާރާތްތައް ބޭއްވުމަކީ އަދި އެފަދަ ކަންކަމުގައި ދިވެހިން ބައިވެރިވުމަކީ ދިވެހި ސަރުކާރުން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.
"އަދި އެފަދަ ކަންކަމަކީ ދިވެހިން ގަބޫލުކުރާ އާއްމު އަހުލާގީ މިންގަނޑުތަކާއި އުސޫލުތަކާއި ވެސް ހިލާފު ކަންކަމަށްވާއިރު ރާއްޖެ ތަމްސީލު ކުރުމުގައި ދިވެއްސަކު އެފަދަ ހަރަކާތްތަކަށް ދިއުން ދިވެހި ސަރުކާރުން ކުށްވެރި ކުރަމެވެ،" ބަޔާނުގައިވެއެވެ.
ސަރުކާރުން ވަނީ އެ ހަރަކާތުގައި ބައިވެރިވާ ފަރާތުން އެކަން ހުއްޓާލުމަށް ގޮވާލައިފައެވެ.
މި ބަޔާނާއެކު ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އަންނަނީ އައުރަ ނިވާ ނުކޮށް ހުރެ ފިރިހެނުން ބޮޑީ ބިލްޑު ކުރުމާއި އެފަދަ މުބާރާތްތައް ރާއްޖޭގައި ބޭއްވުމާއި ރާއްޖެ ތަމްސީލު ކުރުން އެއީ ސަރުކާރަށް މައްސަލައަކަށް ނުވާ ކަމެއްތޯ ބުނެ ފާޑު ކިޔަމުންނެވެ.
ރައީސް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފިރިހެނަކުވިޔަސް، އަންހެނަކުވިޔަސް، މާތް ރަސްކަލާނގެ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދީނާއި ގައުމަށް ލިބޭނެ ހަގީގީ ރީތިނަމެއް އަދި އުފަލެއް ވެސް ކާމިޔާބީއެއް ވެސް ނެތް ކަމަށެވެ.
އެއާއެކު ރައީސް ވަނީ މާތްރަސްކަލާނގެ ވަހީ ބަސްފުޅެއް ހިމަނުއްވާފައެވެ. އެ ބަސްފުޅުގައި ވަނީ "އަދި ކަލޭގެފާނު ވިދާޅުވާށެވެ! ހައްގު ތެދުގޮތް އަތުވެއްޖެއެވެ. އަދި ބާތިލް ގޮތް ނެތި ފިލައިހިނގައްޖެއެވެ. ހަމަކަށަވަރުން، ބާތިލަކީ، ނެތިވެ ފިލައިދަނިވި އެއްޗެއްކަމުގައިވިއެވެ." މިހެނެވެ.
މި އަހަރުގެ މިސް ޔުނިވާސް މުބާރާތުގައި ރާއްޖެ ތަމްސީލްކުރަނީ 21 އަހަރުގެ މޮޑެލް، މަރިޔަމް ޝައިނާ ނަސީމެވެ. މިއީ މިފަދަ ކަމެއްގައި ދިވެއްސަކު ބައިވެރިވި ފުރަތަމަ ފަހަރެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ