ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ބޮޑެތި ޝަހަރުތައް ހިފައި، ވެރިރަށް ދިމިޝްޤް ހިފުމުގެ ކުރިން ފިއްލަވައިގެން ބައްޝާރުލްއައްސަދު ރަޝިޔާއަށް ވަޑައިގެންފިއެވެ.
ސޫރިޔާގެ ރައީސްކަމުގައި ހުންނެވި ބައްޝާރު މޮސްކޯގައި ހުންނެވި ކަމަށާއި، އޭނާއަށް ހިމާޔަތް ދީފައިވާކަން އިއުލާންކުރީ ރަޝިޔާގެ ދައުލަތުގެ މީޑިއާއިންނެވެ. ބައްޝާރުގެ އިތުރުން އޭނާގެ އާއިލާއަށްވެސް އެގައުމުން ހިމާޔަތް ދިނުމަށް ވަނީ ނިންމާފައެވެ. ރަޝިޔާއަކީ ބައްޝާރުގެ ވެރިކަމާއި ދެކޮޅަށް ހަތިޔާރު އެޅި ހަނގުރާމަވެރިން 2011 ވަނަ އަހަރު ނުކުތުމާއެކު ބައްޝާރަށް މަދަދު ދިން ގައުމެކެވެ.
2015 ވަނަ އަހަރު ރަޝިޔާ ސިފައިން ސޫރިޔާއަށް ފޮނުވި ހިސާބުން، މި މައްސަލައިގެ އެންމެ އެތެރެއަށް އެ ގައުމު ވަނީއެވެ. އަދި އޭގެ ފަހުން މިދިޔަ އަހަރުތަކުގައި ބައްޝާރުގެ ސިފައިންނާއެކު އިދިކޮޅު ހަނގުރާމަވެރިންނާއި ދެކޮޅަށް ވައިގެ މަގުން ހަމަލާދިނުމުގައި ރަޝިޔާގެ ޖެޓްތައް ވަނީ އިސް ދައުރެއް އަދާކޮށްފައެވެ.
ބައްޝާރު ވެރިކަމުގައި ބަހައްޓަން ބުރަ މަސައްކަތްތަކެއް ރަޝިޔާއިން ފާއިތުވި އަހަރުތަކުގެ ތެރޭގައި ކޮށްފައިވަނިކޮށް، ކުއްލިއަކަށް އޭނާ ވެރިކަމުން ވެއްޓުމަކީ ރަޝިޔާއަށް ލަދެއްކަމަށްވެސް ބައެއް މުހައްލިލުން ދެކެއެވެ.
ސޫރިޔާގެ މައްސަލައިގައި އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިއަދު ބާއްވައިދިނުމަށް ރަޝިޔާއިން ވަނީ އެދިފައެވެ. އަދި މި ބައްދަލުވުން މިއަދު އޮންނާނެކަމަށް ޑިޕްލޮމެޓުންނާއި ޙަވާލާދީ އޭ.އެފް.ޕީ އިން ވަނީ ރިޕޯޓްކޮށްފައެވެ.
ރަޝިޔާއިން އދއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބުގެ ނައިބު ޑިމިޓްރީ ޕޮލްޔަންސްކީ ވިދާޅުވީ ބައްޝާރުގެ ވެރިކަން ވެއްޓުމުގެ ސަބަބުން މެދުއިރުމައްޗަށާއި އަދި ރަޝިޔާއަށް އެއިން ކުރާނެ އަސަރު އަދި ބުނަން ދަތިކަމަށެވެ.
ބައްޝާރުގެ ހުދުމުޚުތާރު ވެރިކަން ވެއްޓުމުން ހުޅަނގުގެ ގައުމުތަކުން ހިތްހަމަޖެހުނު ނަމަވެސް، ދެން ވާނެ ގޮތަކާ ދޭތެރޭ ކަންބޮޑުވުން އެބައޮތެވެ. ހަނގުރާމަވެރި ޖަމާއަތްތަކެއް ބައިވެރިވެގެން އަލަށް އެކުލަވާލެވޭ ސަރުކާރަކީ ހުޅަނގާއި ދޭތެރޭ އަދާވާތްތެރިކަން ބޮޑު، ސަރުކާރަކަށް ވެދާނެކަމުގެ ބިރަކީ ހުޅަނގުގެ އިތުރުން "ހިމޭނުން ތިބި އަރަބި ލީޑަރުންނަށް" އޮތް ކަންބޮޑުވުމެކެވެ. ވަކިން ޚާއްސަކޮށް މެދުއިރުމަތީގެ ގައުމުތަކާއި ގަލްފު ގައުމުތަކުގެ ކަންބޮޑުވުން ބޮޑެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ