"ގާނޫނުއަސާސީގެ ދިފާއުގެ" ނަމުގައި މާދަމާ ރޭ އެމްޑީޕީން ބާއްވަން ނިންމާފައިވާ ޖަލްސާގައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާއި އަމިއްލަ ޖަމިއްޔާތަކުން ވެސް ބައިވެރިވުމަށް އެޕާޓީން އެދިއްޖެއެވެ.
ޖަލްސާއާ ގުޅޭ ގޮތުން މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ، މާދަމާ ރޭގެ ޖަލްސާ އަކީ ރާއްޖެ މިހާރު ދާ މިސްރާބާއި ގުޅޭ ގޮތުން ގިނަ ދިވެހި ރައްޔިތުންގެ ކަންބޮޑުވުންތައް އޮތުމާއެކު ބާއްވާ ޖަލްސާއެއް ކަމަށެވެ. އަދި ސަރުކާރުގެ އަމަލުތައް ހުރި ގޮތުގެ ސަބަބުން ދިވެހި ރައްޔިތުންނަށް އެތައް ގެއްލުމެއް ލިބެމުން އަންނަ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"އެމްޑީޕީ އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން އަދާކުރަން ޖެހޭ ޒިންމާ އަދާ ކުރުމުގައި އަޅުގަނޑުމެން ސަރުކާރަށް އެ އަޑުތައް އުފުލުމަށް،" ފައްޔާޒު ވިދާޅުވިއެވެ.
ސަރުކާރުން ސިޔާސަތުތައް ކަނޑައެޅުމަށްފަހު އެކަން "ގަޑުބަޑު"ވެގެން ދިއުމުން، އަނެއްކާވެސް ހަމަ އެ ސިޔާސަތު ބަދަލު ކުރަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން މުޅި ގައުމަށް ބޮޑެތި ގެއްލުންތައް ވަމުން އަންނަ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ގާނޫނުއަސާސީ އަށް ގެނެސްފައިވާ އިސްލާހަކީ މީގެ ވިއްސަކަށް އަހަރު ކުރީން ދިވެހި ރައްޔިތުން ބުރަ މަސައްކަތުން ހޯދި މިނިވަންކަމެއް ވެރިއަކަށް ހުންނަ މީހާގެ ބާރުގެ ދަށަށް ގެނައުންކަން އޭނާ ފާހަގަކުރެއްވިއެވެ.
"އޭގެ ކުރިން މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުއްވާލައްވައިފި. މިހާރު އެއޮތީ މަޖިލިސް ބާރު ކަނޑުވާލައިފައި،" ފައްޔާޒު ވިދާޅުވިއެވެ.
މާދަމާ ރޭ އެމްޑީޕީން ބާއްވާ ޖަލްސާ އަކީ އެފަދަ އެތައް ކަމެއްގެ ކަންބޮޑުވުން ސަރުކާރަށާއި މުއައްސަސާތަކާއި އަދި މަޖިލިސް މެންބަރުންނަށް އުފުލުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ވީހާވެސް ގިނަ ރައްޔިތުން އެ ޖަލްސާގައި ބައިވެރިވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
"ހަމައެއާއެކު ދިވެހިރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާއި އަދިވެސް މިކަންކަމުގެ ކަންބޮޑުވުން ހުރި އެންޖީއޯތަކުން މިކަމުގައި ބައިވެރިވުމަށް އެދެން،" ފައްޔާޒު ވިދާޅުވިއެވެ.
ސަރުކާރުން ކުރާ ކަންކަމަށް އަޅާ ނުލާ ހުންނަ ނަމަ، މާދަމާ ގެއްލިގެން ދާނީ މިހާރަށްވުރެ ބޮޑު އެއްޗެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ