"ކާނި ހޮޓެލްސް" ނަމުގައި ކ. މާފުށީގައި ހިންގަމުން ގެންދާ ހަތަރު ގެސްޓްހައުސް ވިޔަފާރިން ގަސްދުގައި ޓެކުހަށް މަކަރުހެދިކަމަށް ތުހުމަތުކުރެވޭތީ، ޖިނާއީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގުކޮށް، ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހަށް މީރާއިން ހުށަހަޅައިފިއެވެ.
މީރާ އިން ބުނީ އެ މައްސަލައަކީ 01 ޖަނަވަރީ 2019 އިން 30 ސެޕްޓެންބަރު 2022ގެ ނިޔަލަށް ހިމެނޭ ޓެކްސް ނެގޭ މުއްދަތުތަކަށް ކާނި ހޮޓެލްސް ނަމުގައި ހިންގަމުން ގެންދާ "ކާނި ޕާމް ބީޗް'، "ކާނި ގްރޭންޑް ސީވިއު"، "ކާނި ވިލެޖް" އަދި "ކާނި ބީޗް" ގެސްޓްހައުސްތަކުން މީރާއަށް ހުށަހަޅައިފައިވާ ގްރީން ޓެކުހާއި، ޖީއެސްޓީ އާއި ބީޕީޓީ އަދި އިންކަމް ޓެކްސް ބަޔާންތަކުގައި "ދޮގު" މައުލޫމާތު ހިމަނައިފައިވާ ކަމަށް ތުހުމަތުކުރެވޭތީ ތަހުގީގު ކުރަން ފެށި މައްސަލައެއް ކަމަށެވެ.
އަދި އެކަން ކޮށްފައިވަނީ ގަސްދުގައި ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ނިޔަތުގައި ކަމަށް ބެލެވޭ ކަމަށް ވެސް މީރާ އިން ބުންޏެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، ކާނި ހޮޓެލްސްއާ ގުޅޭ ވިޔަފާރިން މީރާއަށް ހުށަހަޅައިފައިވާ ޓެކްސް ބަޔާންތަކުގައި އެ ވިޔަފާރިއަށް އަންނަ އެންމެހައި ގެސްޓުންގެ މައުލޫމާތު ހިމަނައިފައި ނުވެއެވެ. އެގޮތުން، ބޭރުގެ ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށް އަދި ފްރީ އިންޑިޕެންޑެންޓް ޓްރެވެލާސް (އެފްއައިޓީ)ގެ ގޮތުގައި އަންނަ ގެސްޓުންގެ މައުލޫމާތާއި އާމްދަނީ ރިޕޯޓުކޮށްފައި ނުވާކަން ތަހުގީގުގައި ހޯދި ހޯދުންތަކުން ފާހަގަކުރެވިފައިވާ ކަމަށް މީރާ އިން ބުންޏެވެ.
އަދި މީގެ އިތުރުން، އެކޮމަޑޭޝަންގެ އާމްދަނީގެ އިތުރަށް ވިޔަފާރިން ފޯރުކޮށްދޭ ހިދުމަތްތައް ކަމުގައިވާ އެއާޕޯޓް ޓްރާންސްފާ، އާއި ރެސްޓޯރަންޓާއި ސްޕާ އާއި އެކްސްކާޝަން ފަދަ "އެކްސްޓްރާސް"ގެ ހިދުމަތްތަކުން ލިބޭ އާމްދަނީގެ ބޮޑު ބައެއް އެ ފަރާތްތަކުން މީރާއަށް ހުށަހަޅައިފައިވާ ބަޔާންތަކުގައި ހިމަނައިފައިނުވާ ކަމަށް މީރާ އިން ބުންޏެވެ.
އެ ތަހުގީގުގައި މީރާއިން ވަނީ ޓެކްސް ދައްކާ ފަރާތްތަކުގެ ވިޔަފާރިއާ ގުޅޭ ލިޔެކިޔުންތައް ބަލަހައްޓާ އެ ފަރާތުގެ އޮފީސް ބަލައި ފާސްކުރުމުގެ އިތުރުން މައުލޫމާތު ހޯދުމަށާއި ކުށުގެ ތުހުމަތުގައި މީހުން ހާޒިރުކޮށް ބަޔާން ނަގައިފައެވެ.
އެ މައްސަލައިގައި، ކާނި ހޮޓެލްސް ވިޔަފާރީގައި ހިމެނޭ ދެ ކުންފުނި ކަމުގައިވާ ކާނި ހޮޓެލްސް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑް އާއި އަސްނާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްއާ، ކުންފުނިތަކުގެ ދެ ޑިރެކްޓަރުން ކަމުގައިވާ ނަޝީދު އާއި އާމިނަތު އާސިމާ ސަލީމްގެ އިތުރުން ވިޔަފާރީގެ އެކައުންޓްސް މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ އާއިޝަތު ރަޒުނާގެ މައްޗަށް ދައުވާކޮށްދިނުމަށް ވަނީ އެދިފައެވެ.
އެ ތަހުގީގާ ގުޅިގެން ކުރިއަށް ގެންދިޔަ ޖީއެސްޓީ އަދި ޖީއާރުޓީ އޮޑިޓުތަކުގައި ޖުމުލަ 8 ލައްކައަށް ވުރެ ގިނަ ޑޮލަރު (13.3 މިލިއަން ރުފިޔާ) އިތުރަށް ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅައި އެ ޓެކްސް މީރާއަށް ދައްކަން އެ ފަރާތްތަކަށް އަންގައިފައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ