ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރަސްފަންނަށް ޒިޔާރަތްކުރައްވައި، އެތަނުގެ މާހައުލަކީ ހިތްފަސޭހަ ތަނަކަށް ހެއްދެވުމަށް ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތައް ގުޅިގެން ކުރަމުން ގެންދާ މަސައްކަތްތައް ބައްލަވާލައްވައިފިއެވެ.
ސަރުކާރުން އެ މަސައްކަތް ފަށާފައިވާ، މިދިޔަ ފެބްރުއަރީ މަހުގެ 14 ވީ ހުކުރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ރަސްފަންނަށް ކުރެއްވި ޒިޔާރަތުގައި ރަސްފަންނުގެ ހާލަތު ވަޒަން ކުރެއްވުމަށްފަހު އެ މަނިކުފާނުގެ އިރުޝާދުގެ ދަށުން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި ކުންފުނިތައް ގުޅިގެންނެވެ.
އެދުވަހުގެ ޒިޔާރަތް ކުރެއްވުމުގައި ރައީސް ވަނީ ރަސްފަންނާއި ސަލްޓަންޕާކްގެ ހާލަތު ފެނިވަޑައިގެންނެވުމުން ހިތާމަކުރައްވާ ކަމުގައި ވިދާޅުވެފައެވެ. އަދި އެ ދެ ތަނަކީވެސް ތޮއްޖެހިފައިވާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާވެރިކަން ލިއްބައިދޭ ދެތަން ކަމަށް ވުމާއެކު، އެ ދެ ތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދެއްވައި އަދި ކުރިޔަށްވުރެވެސް އެދެތަން ފުރިހަމަކޮށްދިނުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރައްވާނެކަން އެމަނިކުފާނު އެދުވަހު ވަނީ ހާމަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ މިހާތަނަށް ވަގުތީ ގޮތުން ރަސްފަންނު ބޭނުންކުރެވޭ ޙާލަތަށް ގެނައުމަށް ކޮށްފައިވާ މަސައްކަތްތައް ބައްލަވާލައްވައި އެ މަސައްކަތާބެހޭ އެންމެފަހުގެ މައުލޫމާތު ހޯއްދަވާފައެވެ.
އަދި މިއަދުން ފެށިގެން ވަގުތީ ގޮތުން ރަސްފަންނު އާންމުންނަށް ހުޅުވާލާއިރު، ރަސްފަންނުގެ މޫދުން ކިސަޑު ނަގައި ގޮނޑުދޮށުން ގިރައިގެންގޮސްފައިވާ ސަރަޙައްދަށް މިހާރު ވަނީ އަލުން ދޮންވެލިލައި އެއްވަރުކޮށްފައެވެ.
މީގެ އިތުރުން ވީރާނާވެފައި ހުރި ހަޓުތަކުގެ ފުރާޅާއި މޭޒާއި ގޮނޑިތައް އަލުން މަރާމާތުކޮށް، ހަލާކުވެފައި ހުރި ފެންވަރާ މާގަނޑުތައް ވަނީ ރަނގަޅުކޮށްފައެވެ. ރަސްފަންނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދިނުމަށް އިތުރަށް ކުރަންހުރި މަސައްކަތްތަކުގެ މައުލޫމާތު ހޯއްދަވައި، ރަސްފަންނަކީ ކުރިއަށްވުރެ ފުރިހަމަ ތަނަކަށް ހެއްދެވުމަށް ކަމާގުޅޭ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވިއެވެ.
އެ ގޮތުން މި ރަމަޟާން މަސް ނިމުމާއެކު ރަސްފަންނު ބޭނުންކުރާ ފަރާތްތަކަށް ފާހާނާ ބަރިއެއް ގާއިމުކުރުމާއެކު މަސްބޭނުމަށް މިހާރުވެސް ބޭނުންކުރަމުންދާ ޕްލެޓްފޯމްގެ އާބާތުރަފިލުވައި އަލުން ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަސްފަންނާއި ސަލްޓަންޕާކަށް ދާއިމީ ހައްލުތަކެއް ގެނައުމަށް އަލުން ތަރައްގީ ކުރުމުގެ ޕްލޭންތަކެއް ހެދުމުގެ މަސައްކަތް ސަރުކާރުން މިހާރު ގެންދަވަނީ ކުރައްވަމުންނެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި