ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމަށްޓަކައި މިދިޔަ އޮކްޓޫބަރު މަހުގެ 31ވަނަ ދުވަހު މަގާމުން ވަކިކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތުތައް ހާމަ ކުރުމަށް އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު އެންގެވި އެންގުން ސަރުކާރުން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 15ވަނަ ދުވަހު ރައީސް މުއިއްޒު ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ތިބި 228 މީހަކު ވަކި ކުރުމަށް އެމަނިކުފާނު އަންގަވާފައި ވާނެ ކަމަށެވެ. ވަކި ކުރާ ސިޔާސީ މީހުންގެ ތެރޭގައި ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން ވެސް ހިމެނެއެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެ އަދަދަށް ސިޔާސީ މީހުން ވަކި ކުރުމުން މަހަކު 5.7 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ. ރައީސްގެ އެ ނިންމެވުމަށް މިދިޔަ އޮކްޓޫބަރު 31ގައި އަމަލުކުރައްވާ 228 ސިޔާސީ މުވައްޒަފުން ވަކި ކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވަނީ ވިދާޅުވެފައެވެ.
އެހެންނަމަވެސް ވަކި ކޮށްފައިވާ މުވައްޒަފުންގެ އެއްވެސް މައުލޫމާތެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. އެހެންކަމުން އޮންލައިން ނޫސް "މިހާރު" އިން ވަނީ އެކަމުގެ މައުލޫމާތު ހޯދުމަށް ގާނޫނުގެ ދަށުން ހުށަހަޅައިފައެވެ. ނަމަވެސް އެ މައުލޫމާތުތަކަކީ ޒާތީ މައުލޫމާތުތަކެއް ކަމަށް ބުނެ އެ މައުލޫމާތު ހާމަ ކުރުމަށް ރައީސް އޮފީހުން ދެކޮޅު ހެދިއެވެ.
އެ މައްސަލަ ރިވިއު ކުރުމުން މިދިޔަ ޑިސެމްބަރު މަހުގެ 25ވަނަ ދުވަހު އައިކޮމް އިން ވަނީ ގޮތެއް ކަނޑައަޅައިފައެވެ. އިންފޮމޭޝަން ކޮމިޝަނަރު އާއިދު ވިދާޅުވީ މުވައްޒަފުންގެ އެޑްރެސްތަކަކީ ޒާތީ މައުލޫމާތުތަކެއް ކަމަށެވެ. އަދި އެ މައުލޫމާތު ހާމަކުރަން ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ގާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ސިޔާސީ މުވައްޒަފުންގެ މައުލޫމާތުތަކަކީ ހިފެހެއްޓޭނެ މައުލޫމާތުތަކެއް ނޫން ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން ރަސްމީ ފަސް ދުވަހުގެ ތެރޭގައި އެ މައުލޫމާތުތައް ހާމަ ކުރުމަށް ވަނީ އަންގައިފައެވެ. ނަމަވެސް އެ ނިންމުން އިސްތިއުނާފު ކުރަން ބޭނުންވާ ނަމަ އެކަން ކުރުމަށް މަސް ދުވަސް ލިބިގެން ދާނެއެވެ.
އެ މައުލޫމާތު ހާމަކުރަން އައިކޮމް އިން ނިންމި ނިންމުން އެނާޓީ ޖެނަރަލްގެ އޮފީހުން ހައި ކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ. އެކޯޓުން ވަނީ ބަންޑާރަ ނާއިބުގެ ފަރާތުން ހުށަހެޅި އެ މައްސަލަ ބަލައިގަތުމަށް ނިންމައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ