ސަރުކާރު ޕާޓީ ޕީއެންސީގެ ހިންގުމުން އެޕާޓީގެ ޗެއާޕާސަން އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ދުރުކުރައްވާ އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހުއާ ހަވާލު ކުރެއްވި ވާހަކަ ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް މުއާޒު ހަލީމް ދޮގު ކުރައްވައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މަޖިލިސް ރައީސް އަބްދުއްރަހީމާ ދެބޭފުޅުންގެ ދެމެދު ގުޅުން ގޯސްވެފައިވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. އަދި މިއަދު ބައެއް މީޑިއާތަކުގައި ޕީއެންސީގެ ބައެއް އޮފިޝަލުންނާއި ހަވާލާދީ ޕީއެންސީގެ ހިންގުމުން އަބްދުއްރަހީމް ދުރު ކުރެއްވި ކަމަށް ބުނެ ރިޕޯޓު ކޮށްފައިވެއެވެ.
ނަމަވެސް މުއާޒުގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ "ކަނޑައެޅިގެން ބުހުތާނު ދޮގެއް" ކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.
ނަމަވެސް "ހަތާވީސް" އިން އިތުރު މައުލޫމާތު ހޯދުމަށް މުއާޒަށް ގުޅާލުމުން ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ޕާޓީގެ ތެރޭގައި ހިނގާފައި ނުވާ ކަމަށެވެ. ޕާޓީގެ ލީޑާޝިޕެއް އޮންނަ ކަމަށާއި އެ ލީޑާޝިޕްގެ ލަފައާ އިރުޝާދުގެ ދަށުން ޕާޓީ ހިންގުމަށް ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންކަން ކުރައްވަނީ އެސްޖީގެ ހައިސިއްޔަތުން އޭނާ ކަމަށެވެ.
"އަސާސީ ގަވާއިދުގެ ދަށުން ލީޑާޝިޕްގެ ގައިޑަންސާއެކު އެސްޖީ ހިންގަނީ،" ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުވެސް ފުރުއްވާ މުއާޒު ފާހަގަކުރެއްވިއެވެ.
ވެރިކަން ހިންގާ ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މުއާޒު ހަމަޖެއްސެވީ މިދިޔަ ޖެނުއަރީ މަހުގެ 13ވަނަ ދުވަހުއެވެ.
މުއާޒު ވަނީ ޕާޓީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަބްދުއްރަހީމާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކަށް ވެސް ޖަވާބު ދެއްވަވައިފައެވެ. ވިދާޅުވީ އެމަނިކުފާނު ޕާޓީގެ ވަޓްސްއަޕް ގްރޫޕްތަކުން ބޭރު ކުރެއްވި ވާހަކަ އަކީ ވެސް އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
"މިހާރުވެސް އެމަނިކުފާނު އިންނަވާނެ ހަމަ ޕާޓީގެ ހުރިހާ ގްރޫޕުތަކެއްގައިވެސް،" މުއާޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒާ އަބްދުއްރަހީމާ ދެބޭފުޅުންގެ ގުޅުން ގޯސްވެފައިވާ ކަމަށް ބުނެ އަޑުތައް ފެތުރެން ފެށީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހީމް ފައިސަލް މަގާމުން ވަކިކުރެއްވި ހިސާބުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ