ރައީސް ޑރ. މުހައްމަދު މުއިއްޒު "އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަށް ބިރު ދެއްކި ކަމަށް ބުނާ މައްސަލަ ބެލުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ފުލުހުންނަށް ގޮވާލައިފިއެވެ.
"އަދަދު" ނޫހުން ނެރުނު ބަޔާނެއްގައި ބުނީ ރައީސް މުއިއްޒު ފިޔާޒަށް ގުޅުއްވީ އެމްޑީޕީގެ އެއްވުމެއްގައި އެ ޕާޓީގެ މެންބަރަކު އެމަނިކުފާނުގެ އާއިލާގެ ބޭފުޅަކާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައިވާތީ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އާއިލާގެ ބޭފުޅަކާ ބެހޭގޮތުން އެ އެއްވުމުގައި ދެކެވުނު ވާހަކަ އެ ނޫހުން ރިޕޯޓުކޮށްފައިވެސް ނުވާނެ ކަމަށް ބުންޏެވެ.
"އެ މައްސަލައާ ގުޅިގެން އެންމެ ފުރަތަމަވެސް ހަބަރެއް ޝާއިއު ކުރީ އެކަން ކުށްވެރިކޮށް ސަރުކާރުގެ އިސްބޭފުޅުން ދެއްކެވި ވާހަކައިންނެވެ. ވީއިރު، އެމްޑީޕީގެ އެއްވުމެއްގައި އެޕާޓީގެ މެންބަރަކު ދެއްކެވި ވާހަކައަކާ ގުޅިގެން އެ މައްސަލައިގައި ކޯފާވެ، 'އަދަދު' ނޫހުގެ ނޫސްވެރިންނަށާއި، 'އަދަދު' ނޫހަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ގުޅުއްވައި އިންޒާރު ދެއްވަންޖެހޭ ސަބަބެއް ވެސް ނެތެވެ،" އަދަދު ނޫހުގެ ބަޔާނުގައިވެއެވެ.
"އަދަދު" ނޫހާމެދު، އަދި ހުސައިން ފިޔާޒު މޫސާއާމެދު އެޅުއްވެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް ވެސް އެ ނޫހުގެ ބަޔާނުގައިވެއެވެ. އެ މައްސަލަ އެ ނޫހުން ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފައެވެ.
އެކަމާއި ގުޅިގެން އެމްޖޭއޭ އިން ނެރުނު ބަޔާނެއްގައި ރޭ ބުނީ ގައުމުގެ އެންމެ އިސްވެރިޔާގެ ފަރާތުން ނޫސްވެރިންނަށް އިންޒާރު ލިބުމަކީ، އެއްގޮތަކަށްވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. މިކަމުގެ ސަބަބުން ފިޔާޒާއި އަދަދު ނޫހުގައި މަސައްކަތް ކުރާ އެހެން ނޫސްވެރިން ވެސް ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓި، އެ ނޫސްވެެރިންނަށް ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގަށް ވަރަށް ބޮޑަށް ހުރަސް އެޅިގެންދާނެ ކަމަށް ދެކޭ ކަމަށް ވެސް ބަޔާނުގައިވެއެވެ.
"މީޑިއާއަކުން ގެނެސްދޭ ހަބަރެއް ނުވަތަ ކޮންޓެންޓެއްގައި ގޯހެއްވާނަމަ، އެކަމެއް ހުށަހަޅަން ޖެހޭ މުއައްސަސާއަކަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުމަކީ މި ޖަމިއްޔާއިން އަބަދުވެސް ބާރުއަޅާ ގޮތެވެ. އެ ނޫން ގޮތްގޮތަށް ނޫސްވެރިން ކުރާ މަސައްކަތާ ގުޅިގެން ފިޔަވަޅެއް އަޅާނެ ކަމުގެ އިންޒާރު ދިނުމަކީ މި ޖަމިއްޔާއިން ކުށްވެރިކުރާ ކަމެކެވެ،" އެމްޖޭއޭ އިން ބުންޏެވެ.
އެހެންކަމުން "އަދަދު" ނޫހުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ އިންސާފުވެރިކަމާއެކު ވީހާވެސް އަވަހަށް ތަހުގީގު ކޮށްދިނުމަށް ވެސް އެ ޖަމިއްޔާ އިން ވަނީ ގޮވާލައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ