ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު އެ މަގާމުން ވަކިކުރަން ނިންމާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލާގައި، އެ ދެ ފަނޑިޔާރުން ވަކިކުރަން ޖުޑީޝަރީ ކޮމެޓީން ވެސް ނިންމައިފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާގެ މައްޗަށް ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވައިފަ އެވެ. އެއީ، އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.
ފަނޑިޔާރު އަޒްމިރަލްދާ ވަކިކުރަން ނިންމި މައްސަލަ ދިރާސާ ކުރަން މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޖޭއެސްސީގެ ނިންމުމާ ދެކޮޅަށް އެމްޑީޕީގެ މެމްބަރުން ވާހަކަ ދައްކަވަން ފެށުމުން ޕީއެންސީއަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވީ އެ ކޮމެޓީ ސިއްރު ކުރުމަށެވެ.
އެކަމަށް ވޯޓަށް އަހަން ފެށުމުން, އެ ކޮމެޓީގައި ތިއްބެވި އެމްޑީޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ ކޮމެޓީ ސިއްރުކުރާ ނަމަ ކޮމެޓީގައި ބައިވެރިނުވާނެ ކަމަށް ވިދާޅުވެ, ކޮމެޓީ ރޫމުން ނިކުމެވަޑައިގެންފަ އެވެ.
ދެ ފަނޑިޔާރުން ވަކިކުރަން ކޮމެޓީން ނިންމީ އެއަށްފަހުއެވެ. އެހެންކަމުން އެ ދެ ފަނޑިޔާރުން ވަކިކުރަން ވޯޓު ދީފައި ވާނީ ވެސް ޕީއެންސީގެ މެންބަރުން އެކަންޏެވެ. ބެލެވޭ ގޮތުގައި މާދަމާ އޮންނަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މި ދެ ފަނޑިޔާރުން ވަކި ކުރުމާއި މެދު ވޯޓަށް އަހާނެއެވެ.
މި ދެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އަޒްމިރަލްދާ ވަނީ ކޮމެޓީން މައްސަލަ ދިރާސާކުރާއިރު ޖަވާބުދާރީވުމުގެ ފުރުސަތަކަށް ވެސް އެދިވަޑައިގެންފައެވެ. އެހެންނަމަވެސް އެ ފުރުސަތު ދޭކަށް ކޮމެޓީން ނުނިންމައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ