ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތައް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނި ގޮޔުގައި މަތީ ފަންތީގެ ބައްދަލުކުރެއްވުންތަކާއި، ތަފާތު ހަރަކާތްތައް ހިމެނިގެން ކުރިއަށްދިޔަ މި ދަތުރުފުޅު ވެގެންދިޔައީ، މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ދެ ޤައުމުން ދޭ އަހުމިއްޔަތުކަން ފާހަގަކުރެވިގެންދިޔަ ދަތުރުފުޅަކަށެވެ.
އެގޮތުން، މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ، އިނގިރޭސިވިލާތުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އޭގެ ތެރޭގައި، ހައުސް އޮފް ކޮމަންސްގެ ސްޕީކާ ރައިޓް އޮނޮރަބަލް ސާ ލިންޑްސޭ ހޮއިލް އަދި ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމެންޓް އެފެއާޒް، ރައިޓް އޮނަރަބަލް ޑޭވިޑް ލެމީ ހިމެނިވަޑައިގެންނެވިއެވެ.
މި ބޭފުޅުންނާއެކު މަޝްވަރާކުރެއްވި މުހިންމު ކަންތައްތަކުގެ ތެރޭގައި، މޫސުމީ ބަދަލުތަކަށް އަހުލުވެރިވުން، ތަޢުލީމާއި ސްކޮލަރޝިޕްގެ ފުރުޞަތުތައް، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން އަދި ޢަދުލުއިންސާފުގެ ނިޒާމީ އިސްލާޙުތަކަށް އިނގިރޭސިވިލާތުން ދެއްވާ އެއްބާރުލުން ހިމެނެއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިނގިރޭސި ރަސްގެފާނު، ހިޒް މެޖަސްޓީ ކިންގ ޗާލްސް ތިންވަނަ އާވެސް ބައްދަލުކުރައްވާފައެވެ. ވިންޑްސަރ ކާސަލްގައި ކުރިއަށްގެންދިޔަ އެ ބައްދަލުކުރެއްވުން ވެގެންގޮސްފައިވަނީ، ދެ ގައުމުގެ ފަސްދޮޅަސް އަހަރުވީ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް އިސްކަންދޭ މިންވަރު ކަށަވަރުކޮށްދިން ބައްދަލުވުމަކަށް ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް، އޮނަރަބަލް ޝަރލީ އަޔޯކޯ ބޮޗްވޭއާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެ އާއި ކޮމަންވެލްތުން މަސްލަޙަތު ހިއްސާކުރާ ދާއިރާތަކުގައި އެއްބާރުލުންދެވޭ މިންވަރު އިތުރުކުރުމާމެދު ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު، ވުނަކުރުމާއި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށްހުރި ފުރުޞަތުތަކަށް އަލިއަޅުވާލައްވައި ބޭއްވެވި "މޯލްޑިވްސް- ޔޫކޭ ބިޒްނަސް ފޯރަމް"ގައި ވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތެވެ. މި ފޯރަމްގައި، ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ވެސްޓް ލަންޑަން ޗެމްބަރސް އޮފް ކޮމަރސް އާއި ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފައިވެއެވެ.
އަދި، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތްތައް ކުރިއަރުވައި، ޕްރިމިއަމް އެކްސްޕޯޓް ޕްރޮޑަކްޓެއްގެ ގޮތުގައި ދުނިޔޭގެ ބާޒާރުގައި ދިވެހި ސީފުޑް ޕްރޮމޯޓްކުރުމަށް ބޭނުންކުރާ މަރުކާގެ ގޮތުގައި "ފްރޮމް މޯލްޑިވްސް" މި ފޯރަމުގައި ވަނީ އިފްތިތާޙުކޮށްފައެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި