އަތޮޅު ކައުންސިލް އުވާލަން ސަރުކާރުން އުޅެނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެއްވެސް އަތޮޅެއް ސަރުކާރު ހިންގާ ޕީއެންސީއަށް ކާމިޔާބު ނުވާނެތީ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އަތޮޅު ކައުންސިލަކީ ލާމަރުކަޒީ ނިޒާމުގެ ތެރޭގައި ހިމަނާފައިވާ ބޭކާރު ފަށަލައެއް ކަމަށް ވިދާޅުވެ، އަތޮޅު ކައުންސިލް އުވާލުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން ހުށަހަޅަން އުޅޭ އެ ބިލުގެ ދެލިކޮޕީއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ބިލުގައި ބުނެފައިވާ ގޮތުން އަތޮޅު ކައުންސިލް އުވާލުމަށްފަހު، އަތޮޅު މޮނިޓަރިންގ އަދި ރެގިއުލޭޓަރީ އޮފީސް ނަމުގައި ކޮންމެ އަތޮޅެއްގައި އޮފީހެއް ސަރުކާރުން އުފައްދަވާނެއެވެ. އެ އޮފީސްތައް ހިންގާނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމަށް ރައީސް އުފެއްދެވި މިނިސްޓްރީންނެވެ.
އެކަމާ ގުޅިގެން "އެކްސް"ގައި ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްވެސް އަތޮޅު ކައުންސިލެއް ކާމިޔާބު ނުވާނެކަން ޔަޤީންވުމުން އަތޮޅު ކައުންސިލްތައް އުވާލަން ނިންމުމަކީ ނާތަހުޒީބު ފިނޑި ޢަމަލެއް ކަމަށެވެ.
"އަނިޔާވެރިކަން އިސްކޮށް ގަދަބާރުން ކަންކަންކުރުމަކީ މިއަދުގެ ދުނިޔެ ބަލައިގަންނަ ކަންކަމެއްނޫން،" ޝާހިދު ވިދާޅުވެފައިވެއެވެ.
އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބުގައި މާލެ ފިޔަވައި، އެހެން ހުރިހާ ސިޓީ ކައުންސިލްތަކެއްގެ އަގުލަބިއްޔަތު އޮންނަނީ އެމްޑީޕީއަށެވެ. އަދި ރާއްޖޭގެ ހުރިހާ މޭޔަރުންނަކީ އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވެފައިވާ މޭޔަރުންނެވެ. ނިސްބަތްވާ ބޭފުޅުންނެވެ. އަދި ރާއްޖޭގެ 10 އަތޮޅެއްގެ އަތޮޅު ކައުންސިލަރުން އިންތިހާބުވެފައިވަނީ އެމްޑީޕީގެ ޓިކެޓުގައި ވާދަކޮށްގެންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ