މަޖިލީހުގެ ރައީސް މުހައްމަދު އަބްދުއްރަހީމަށް ހަދިޔާގެ ގޮތުގައި ލިބިވަޑައިގެންފައިވާ 958,982 ރުފިޔާގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަންޖެހޭ ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރު އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސްގެ މާލީ ބަޔާނުގައިވާ ގޮތުން، އެމަނިކުފާނު މަޖިލީހުގެ ރައީސްކަމަށް ވަޑައިގެންނެވި ފަހުން ހެޔޮއެދޭ ފަރާތްތަކުން ދެއްވި ނުވަ ލައްކައަށް ވުރެ ގިނަ ރުފިޔާ ބޭނުންކުރައްވާފައިވަނީ ދަތުރުފުޅުތަކަށާއި ކްރެޑިޓް ކާޑުތަކަށް ފައިސާ ދެއްކެވުމަށެވެ. އެމަނިކުފާނަށް މުސާރައިގެ ގޮތުގައި ވޭތުވެދިޔަ އަހަރު ލިބިވަޑައިގެންފައިވަނީ 658,894 ރުފިޔާއެވެ.
ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޒަރިޔަންދު ވިދާޅުވީ، މަޖިލީހުގެ ރައީސަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރުގެ އެންމެ އިސްވެރިޔާ ކަމަށްވެފައި، ޚާއްސަ ބާރުތަކަކާއި އިމްތިޔާޒުތަކެއް ލިބިވަޑައިގެންފައިވާ މަޤާމެއްގައި ހުންނެވި ބޭފުޅަކަށް މިފަދަ ގޮތަކަށް އެހީގެ ނަމުގައި ފައިސާ ލިބިވަޑައިގަތުމަކީ ސީރިއަސް މައްސަލައެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އިންނަވާ ބޭފުޅަކީ އެހެން ފަރާތްތަކެއްގެ އެހީތެރިކަމުގެ މައްޗަށް އެތާ އިންނަވާ ބޭފުޅެއް ކަމަށް ވެއްޖެއްޔާ އަޅުގަނޑުމެން ވަރަށް ކަންބޮޑުވުން އުފެދޭ މައްސަލައެއް އެއީ،" ޒަރިޔަންދު ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސްގެ ސަލާމަތީ ކަންކަމާއި ދިރިއުޅުއްވުމުގެ ޚަރަދުތައް މަޖިލީހުގެ ބަޖެޓުން ހަމަޖައްސަވާފައި ވަނިކޮށް، އެހެން ފަރާތްތަކުން އެހީގެ ގޮތުގައި ފައިސާ ނެންގެވުމަކީ ޤައުމީ ސަލާމަތަށް ވެސް ނުރައްކާވެދާނެ ކަމެއް ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ. އަދި މިފަދަ ގޮތަކަށް ސިޓީ އުރައިގެ ބޭރުގައި "އެހީ" ޖަހައިގެން ފައިސާ ދިނުމަކީ ރިޝްވަތު ދިނުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މަޖިލީހުގެ ރައީސްގެ މާލީ ބަޔާނުގައި 2017 ވަނަ އަހަރު މާލޭ ރެހެންދި ފްލެޓުން 4.5 މިލިއަން ރުފިޔާއަށް 3 ކޮޓަރީގެ އެޕާޓްމަންޓެއް ގަތްކަމަށާއި، ލ. ފޮނަދޫގައި ފަސް މިލިއަން ރުފިޔާގެ އިމާރާތެއް ދިރިއުޅުމަށް ހައްދަވާފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި