މި ސަރުކާރުން މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑު ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރާއްޖޭގެ ހަތަރު އަތޮޅެއްގެ ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި މ. އަތޮޅަށް ވަޑައިގެން އެ އަތޮޅު ދިއްގަރު ރައްޔިތުންނާއެކު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ މަހުގެ އަގު ދެމެހެއްޓެނެވި ގޮތެއްގައި ހަމަޖެއްސުމަށް މަޝްވަރާތަކެއް ކުރެވެމުން އަންނަ ކަމަށެވެ. ދިއްގަރަކީ މަސްވެރި ރަށެއްކަން ފާހަގަކުރައްވާ އެރަށު މަސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް ހުންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިހާރުވެސް މިފްކޯއާއެކު މަސް ގަންނަ އަގު 20 ރުފިޔާ އަށް ބޮޑު ކުރުމަށް މަޝްވަރާތައް ކުރިޔަށްދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒު ވަނީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ކުރީ ސަރުކާރުން މަސްވެރިންނަށް ދޭން ޖެހޭ އެކަމަކު ނުދީ އޮތް 150 މިލިއަން ރުފިޔާ ހުރި ކަމަށެވެ. އެ ފައިސާތައް ދެމުން އަދި މިހާރު މަސްވެރިން ބާނާ މަސް ކިރުމަށްފަހު 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެމުން އަންނަ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދިއްގަރު ރައްޔިތުންނަށް އިޝާރާތް ކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ދިއްގަރަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ހިންގޭ ހައުސިން މަޝްރޫއުތަކުގެ ތެރެއިން ފުރަތަމަ މަޝްރޫއުގެ ގޮތުގައި، 75 ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.
އެ މަޝްރޫއު ނިމުމުގެ ކުރިން، އިތުރު 75 ޔުނިޓް އެޅުމުގެ މަސައްކަތް ފެށުމަށް ގަސްތުކުރައްވާނެ ކަމަށާއި އަދި އެކަމަށް ވާންޖެހޭ ތައްޔާރީތަކުގެ މަސައްކަތްތައް، ކަމާ ގުޅުންހުރި ފަރާތްތަކުން މިހާރުވެސް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ޖާގައިގެ ގޮތުންނާއި، މަރާމާތުގެ ގޮތުން އެރަށު ބަނދަރު އަޕްގްރޭޑް ކުރަންޖެހިފައި އޮތްކަން ފާހަގަކުރައްވައި، ރައީސް ވަނީ، ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ކުރީކޮޅު، ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން އެ މަޝްރޫއު ހިންގަވައިދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ