ރާއްޖޭގެ އިގްތިސޯދު ފަނާކުރާ ޒާތުގެ ކަންކަން ނުކުރުމަށް ދައުލަތުގެ އިދާރާތަކަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ.
އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ، އެމްއެމްއޭ އިން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް މެދުވެރިކޮށް 2.5 ބިލިޔަން ރުފިޔާގެ ސަރުކާރުގެ ސެކުއިރިޓީސް ގަންނަން ނިންމާފައިވާ ނިންމުމަކީ ނުސީދާގޮތަކަށް މަރުކަޒީ ބޭންކުން ފައިސާ ޗާޕް ކުރުން ކަމަށެވެ.
އަދި މިއީ ދައުލަތުގެ ބޭކާރު ހަރަދުތައް ކުރުމަށް އިތުރު ކޭޝްފްލޯއެއް ސަރުކާރުން ހޯދުމުގެ ހީލަތްތެރި ރޭވުމެއްގެ ގޮތުގައި އާޒިމް ސިފަކުރެއްވިއެވެ.
"ރާއްޖޭގެ ދަރަނި އިންތިހާއަށް މަތިވެ، މުދަލާ ހިދުމަތުގެ އަގުތައް އިންތިހާއަށް މަތިވެ، ޔޫއެސް ޑޮލަރު ގަންނަން ލިބޭއަގު ހުރީ 20 ރުފިޔާއިން މަތީގައި. މިކަންކަމަށް ބަލާއިރު ރާއްޖޭގެ އިގްތިސޯދު މިހާރު މިއޮތީ ވަރަށް ކަންބޮޑުވާ ހާލަތެއްގައި،" އާޒިމް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މަރުކަޒީ ބޭންކުގެ އެންމެ މުހިންމު ގާނޫނީ މަސްއޫލިއްޔަތު ކަމުގައިވާ ދިވެހި ރުފިޔާގެ އަގު މަރުކަޒީ ބޭންކުން ކަނޑައަޅާފައިވާ ރޭޓްގައި ހިފެހެއްޓިފައިވާ ނުވާހިނދު، އިތުރަށް ފައިސާ ޗާޕް ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.
"މިއީ ރާއްޖޭގެ އިގްތިސޯދީ ހާލަތު އިތުރަށް ގޯސްވެގެންދާނެ ކަމެއްކަން ފާހަގަކުރަން. އެހެންކަމުން، މަރުކަޒީ ބޭންކުގެ މުސްތަގިއްލުކަން ދަމަހަށްޓައި އަދި ސަރުކާރުގެ ފިސްކަލް ޕޮލިސީ ދެމެހެއްޓެނިވި ގޮތަކަށް ތަރުތީބު ކުރުމަށް ބާރު އެޅުމަށް މިފަދަ އިގްތިސާދު ފަނާކުރަނިވި ކަންކަން ނުކުރުމަށް އަޅުގަނޑު ދައުލަތުގެ ކަމާގުޅޭ އިދާރާތަކަށް ގޮވާލަން،" އާޒިމް ވިދާޅުވިއެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭން 2.4 ބިލިއަން ރުފިޔާ ހޯދައިގެން ސަރުކާރުގެ ޓީ-ބޮންޑެއްގައި އިންވެސްޓްކުރުމަށް ޕެންޝަން އޮފީހުގެ ބޯޑުގެ އަގުލަބިއްޔަތުން ވަނީ ނިންމައިފައެވެ. އެ ނިންމުން ނިންމާފައި ވަނީ މިދިޔަ ހަފްތާގައެވެ. މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވަމުން އައި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފައިސާ ޗާޕު ނުކުރާނެ ކަމަށް އެމަނިކުފާނު ރައްޔިތުންގެ ގާތު ވެވަޑައިގެންފައިވާ ވައުދާ ހިލާފު ނުވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ