އަންނަ އަހަރަށް ލަފާކޮށް ދައުލަތުން މަޖިލީހަށް ހުށަހަޅާ ބަޖެޓަކީ ރައްޔިތުން ގާތު ވެވަޑައިގެންފައިވާ ވައުދުތަކުގެ ތެރެއިން ބާކީ ހުރި ވައުދުތައް ފުއްދިގެން ދާނެ އަހަރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޅ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު އޮޅުވެލިފުއްޓަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ވައުދުތައް އަމަލީގޮތުން ފުއްދުމުގެ މަސައްކަތްތައް ތާވަލުކޮށްފައި އޮތީ ދެ އަހަރަށް ބަހާލައިގެންކަން މީގެކުރިން ވެސް އެމަނިކުފާނު އިއުލާން ކޮށްފައިވާނެ ކަމަށެވެ.

"އެހެންވީމާ، މި އަންނަ އަހަރަށް މި ހުށަހަޅާ ބަޖެޓު ވެގެންދާނީ، އަޅުގަނޑު ރައްޔިތުންނަށް ވީ ވައުދުތަކުގެ ބާކީހުރި މަޝްރޫޢުތައް ފެށޭ ބަޖެޓަކަށް. އަދި އޭގެއިތުރަށް، ރައްޔިތުންނަށް ހިދުމަތްތައް ދިނުމުގެ ގޮތުން، ފަހިވާގޮތަށް އިތުރު ކަންކަންވެސް ބަޖެޓުގައި މި ހުށަހަޅަނީ،" ރައީސް ވިދާޅުވިއެވެ.

މި ހަފުތާ ނިމުމުގެ ކުރިން ގާނޫނުގައި ބުނާގޮތަށް، ސަރުކާރުން މަޖިލީހަށް ބަޖެޓު ހުށަހަޅާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި، އެމަނިކުފާނު ވެވަޑައިގެންފައި ހުރި ވައުދުތަކުގެ ތެރެއިން، މި އަހަރު އަމަލީގޮތުން ސޮއިކުރެވި، މަސައްކަތް ފެށުނު މަޝްރޫއުތަކުގެ އިތުރަށް، ދެންހުރި ވައުދުތައް ފުއްދަން ބޭނުންވާ ހުރިހާ މަޝްރޫއުއަކަށް، މި އަންނަ އަހަރު ބަޖެޓުގައި ޖާގަ ހަމަޖައްސާފައި ވާނެ ކަމަށެވެ.

ޅ. އޮޅުވެލިފުށީގެ ތަރައްގީއާ ސީދާ ގޮތުން ގުޅިފައިވާ ކަންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އަލިއަޅުވާލައްވާފައެވެ.

އެގޮތުން ރަށަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ކަރަންޓުގެ މައްސަލަކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. ކުރިއަށް ގެންދަން ހުރި ގިނަ މަޝްރޫއުތައްވެސް ގުޅިފައި އޮތީ އެކަމާކަން ފާހަގަކުރައްވައި، އެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމަށްޓަކައި ފެނަކައަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް، ސަރުކާރުގެ ތެރެއިން ފަހިކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

އަދި ވަރަށް ގާތުން، ވަރަށް ރަނގަޅަށް، ސީދާ ރައީސް އޮފީހުގެ ފަރާތުން، ކަމާބެހޭ ފަރާތްތަކާ ވާހަކަދައްކަވައިގެން، މިކަން އަވަސްކުރައްވަން، ވަރަށް ގާތުން މިކަން ބައްލަވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ މިއާއެކު ރަމަޟާންމަހުގެ ކުރިއަށް މި މައްސަލަ ޙައްލުކޮށްދެއްވާނެކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.