"ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް"ގެ ތެޔޮ ބޯޓެއްގައި ވަގަށް ސިނގިރޭޓް ކާޓޫނުތަކެއް ރާއްޖެއަށް އެތެރެކޮށްފައިވާ މައްސަލައާ ގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ޑެޕިޔުޓީ ކޮމިޝަނަރުކަމުގައި ތިއްބެވި ދެ ބޭފުޅަކު މަގާމުން ވަކިކޮށްފިއެވެ.

މަގާމުން ވަކިކޮށްފައި ވަނީ މަހުމޫދު ރިޔާޒު އަދި އަބްދުﷲ ވަހީދެވެ.

އެ ދެބޭފުޅުން މަގާމުން ވަކިކުރެއްވިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ، އެ މަނިކުފާނުގެ ސޯޝަލް މީޑިއާ އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވި ގޮތުގައި، މި ނިންމެވުން ނިންމަވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން (241 ކޮމިޓީ އިން) ދިރާސާކުރައްވާފައިވާ މައްސަލަތަކަށް ރިއާޔަތްކުރައްވައި، މަޖިލީހުން އެ މަނިކުފާނަށް ފޮނުއްވި ސިޓީގައި ދެއްވާފައިވާ މަޢުލޫމާތާއި ލަފާއަށް ބެލުމަށްފަހުގައެވެ. މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ހޯކްސްގެ ތެޔޮ ބޯޓަކުން ޤާނޫނާއި ޚިލާފަށް ސިނގިރޭޓް އެތެރެކުރުމުގެ މައްސަލައާއި، ބޮންޑެޑް ވެއަރހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް ކަސްޓަމްސްއަށް ނޭނގި ޤާނޫނާ ޚިލާފަށް ނެރެފައިވާ މައްސަލައެވެ.

ރައީސްގެ ޕޯސްޓްގައި އިތުރަށް ވިދާޅުވެފައިވަނީ، ޑެޕިޔުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުގައި ތިއްބެވި ދެ ބޭފުޅުން ވަކިކުރެއްވީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. މީގެ އިތުރުން، މި މައްސަލަތަކާ ގުޅިގެން ކަސްޓަމްސްގެ އިތުރު ތިން މުވައްޒަފަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ވަނީ އަންގަވާފައެވެ. އެގޮތުން، ކަސްޓަމްސްގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެ މުވައްޒަފުންނާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބެއްލެވުމަށްފަހު ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން ފިޔަވަޅު އެޅުމަށް އެންގެވިއެވެ.