ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނޮވެމްބަރު 3ގެ ޝަރަފުގެ އައްޑަނަ އެރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ކުރީގެ ރައީސް މައުމޫނަށާއި ނޮވެމްބަރު 3ގައި ޝަހީދުވި ބޭފުޅުންގެ އާއިލާތަކަށް ހަނދާނީ އައްޑަނައެއް އެރުވުމަށް ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.

އެގޮތަށް އެމަނިކުފާނު ނިންމެވި ސަބަބެއް ކަމަށް ރައީސް އޮފީހުން ބުނެފައި ވަނީ، ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ އުދުވާނީ ހަމަލގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތައުރީފު ހައްގު މަސައްކަތްޕުޅުތަކާއި އަދި އެދުވަހުގެ ހަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި، އާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ހިދުމަތުގެ އަގު ގައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުން ކަމަށެވެ.

އެ ފަރާތްތަކަށަ އައްޑަނަ އެރުވުން އޮންނާނީ މާދަމާ އޮންނަ 3 ނޮބެމްބަރުގެ ހާއްސަ ޖަލްސާގައެވެ.

ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވީ 8 ބޭފުޅުންނެވެ. އަދި އާއްމުންގެ ތެރެއިން ޝަހީދުވީ 11 ބޭފުޅުންނެވެ.