މިއަދަކީ ރާއްޖޭގައި އުޅޭ ބިދޭސީން ބަޔޯމެޓްރިކްސް ދޭންޖެހޭ އެންމެ ފަހު ދުވަސް ކަމަށާއި މިއަދަށް ފަހު ބަޔޯމެޓްރިކްސް ނުދޭ ބިދޭސީއެއް ފެނިއްޖެ ނަމަ އެ ބިދޭސީއަކު ޑީޕޯޓު ކޮށްލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެތައް ހާސް ބަޔަކާއެކު އާޓްފިޝަލް ބީޗު ސަރަހައްދުގައި ރޭ ޕީއެންސީން ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ބިދޭސީންގެ މައްސަލަ އަކީ ކޮންމެ ސަރުކާރަކަށް ވެސް ބޮޑުވެފައިވާ މައްސަލައެއް ކަމަށެވެ. އެކަމަކު އެކަން ހައްލު ކުރުމަށް އެއްވެސް ސަރުކާރަކުން މަސައްކަތް ކޮށްފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ހާއްސަ އޮޕަރޭޝަންތަކެއް ވަނީ ފަށައިފައެވެ. އޭގެތެރެއިން ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް "ކުރަނގި އޮޕަރޭޝަން" ނަމުގައި ހާއްސަ އޮޕަރޭޝަނެއް ފެށިއެވެ. ރައީސް ވިދާޅުވީ އެ އޮޕަރޭޝަން ފެށިއިރު ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދުވެސް ނޭނގޭ ކަމަށެވެ.
ބަޔޯމެޓްރިކްސް ނެގުމަށް ފެށި އޮޕަރޭޝަންގެ ތެރެއިން 191،723 ބިދޭސީންގެ 10 އިނގިލީގެ ނިޝާން ނަގާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރު އެއީ ކޮން ގައުމެއްގެ ބިދޭސީންތަކެއްކަން އެނގޭ ކަމަށާއި އެމީހުން ރާއްޖޭގައި ތިބީ ކޮން ތަނެއްގައިކަން ވެސް އެނގޭ ކަމަށް ރައީސް ވިދާޅުވިއެވެ.
"މާދަމާ އަށް ފަހު ދެން މި ރާއްޖޭގައި ބަޔޯމެޓްރިކްސް ނޫނީ ޑީޓެއިލްސް ނުދީ އެންމެ ބިދޭސީއަކަށް ވެސް ނުހުރެވޭނެ. ވަގުތުން ޑީޕޯޓް ކުރާނީ،" ރައީސް ވިދާޅުވިއެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީން ހޯދުމަށް ވެސް ހާއްސަ އޮޕަރޭޝަންތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުންނެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ