ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ މޫސާ އަލީ ޖަލީލު އެކަމަށް ނިކުންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިލެއްވުމަކަށް ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
ޕީއެންސީން ރޭ ބޭއްވި ކެމްޕެއިން ހަފްލާއެއްގައި ރައީސް މުއިއްޒު ވިދާޅުވީ ޖަލީލަކީ ވަތަނީ ބޭފުޅެއް ކަމަށެވެ. އަދި ޖަލީލަކީ ފަސްބައިގައި އެއްވެސް ކިލަނބު ކަމެއް ނެތް ބޭފުޅެއް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
"ހީވާގި ގައުމީ ޖޯޝު ހުރި ގައުމީވަންތަ ގައުމު ފަހުރުވެރިވާ ފަދަ ބޭފުޅެއް. އެހެންވެ އަޅުގަނޑު އެދުނީ ކުރިމަތިލެއްވުމަށް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގައުމުގައި މިހާރު ހަމަޖެހުން އެބައޮތް ކަމަށާއި "ސަކަރާތް ޖެހުމަށް" ރަށްރަށަށް ކައުންސިލަރުން އިންތިހާބު ކޮށްގެން ނުވާނެ ކަމަށެވެ.
"އެއަށް ހުރަސް އަޅައި އެކި ކަހަލަ އުޒުރުތައް ދައްކައި އެކި ކަހަލަ ހުރަސްތައް ކުރިމަތިކޮށް ތަރައްގީ މަޑުޖައްސައި މުޖުތަމައުގައި ހަމަޖެހުން އަނބުރާ ގެނެސްދޭނެ ބައެއް ނޫން ހޮވަންވާނީ،" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކައުންސިލަރުން ހޮވައިފި ނަމަ ސަރުކާރުން ކުރަން ބޭނުންވާ ކަންކަން ކުރުމަށް ފަސޭހަވެގެން ދާނެ ކަމަށް ވިދާޅުވިއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ