ރާއްޖޭގެ އިގްތިސޯދީ އަދި އިޖުތިމާއީ ތަރައްގީއަށް އަވަށްޓެރި އިންޑިއާ އިން ދެމުން އަންނަ އެއްބާރުލުން އަގުވަޒަން ކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރައީސް ދްރައުޕަތީ މުރްމުއަށާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސް މުއިއްޒު ވަނީ ސިޓީފުޅެއް ފޮނުއްވައިފައެވެ.
އެ މުނާސަބަތާއި ގުޅިގެން ރައީސް މުރްމުއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، ދެ ގައުމުގެ ފަސްދޮޅަސް އަހަރުވީ ރަޙުމަތްތެރިކަން ބިނާކޮށްފައިވަނީ އެއް ގައުމުން އަނެއް ގައުމަށް ކުރާ އިތުބާރާއި، އިހްތިރާމާއި ފަހުމުވުންތަކުގެ ބިންގަލުގެ މަތީގައި ކަމަށް ވިދާޅުވެފައިވެއެވެ.
ބޮޑުވަޒީރު މޯދީއަށް ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދެ ގައުމުގެ ގުޅުމުގެ ނަތީޖާއެއްގެ ގޮތުން ފެންނާންހުރި ތަރައްގީ، ފަހުރުވެރިކަމާއެކު ހަނދާންކުރައްވާފައެވެ. އަދި ބޮޑުވަޒީރު މޯދީގެ ބެއްލެވުމުގެ ދަށުން، ސަރަހައްދީ ފެންވަރުގައި އިންޑިއާއިން ދައްކާ އިސްނެގުން ފާހަގަކުރައްވައި، ކުރިއަށް އޮތް ދުވަސްތަކުގައިވެސް، ދެ ގައުމުން މަސްލަހަތު ހިމެނޭ ކަންކަމުގައި ދެ ގައުމުގެ ގުޅުން ހަރުދަނާކޮށް، އަމަލީގޮތުން އެއްބާރުލުން ދިނުން އިތުރުކުރުމުގެ އަޒުމުގައި ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ އިގްތިސޯދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންޑިއާއިން ދެއްވާ އެއްބާރުލުމުގެ އަގުވަޒަންކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ، ދެ ލީޑަރުންނަށްވެސް ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އެ ގައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައެވެ.
އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުންވެސް ވަނީ ދުވަހުގެ ހެޔޮއެދުންތައް ހިއްސާކުރައްވާފައެވެ. އެގޮތުން އެ މެސެޖުގައި، ޖުމްހޫރީ ދުވަހަކީ، މިނިވަންކަމާއި، ޑިމޮކްރަސީއާއި، ހެޔޮވެރިކަމަށް އިންޑިއާއިން ދެއްވާ އަހަންމިއްޔަތުކަން ހާމަވާ ކަމެއް ކަމަށާއި، ކުރިއަށް އޮތްތާނގައިވެސް ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.
އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، 1950 ވަނަ އަހަރު، އެ ގައުމުގެ ގާނޫނު އަސާސީ ތަންފީޒުކޮށް، ޖުމްހޫރިއްޔަތަކަށް ބަދަލުވުމުގެ މުނާސަބަތާ ގުޅުވައިގެންނެވެ.
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި
މާލޭ ޓެކްސީ ލައިންގެ ހިދުމަތް އިފުތިތާހުކޮށްފި
މިއީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ޕާޓީއެއް: ރައީސް