އަހަރަށް ކަނޑައަޅާފައިވާ ބްލޮކް ގްރާންޓުން އިދާރީ ހިންގުމުގެ ޚަރަދުތައް ހަމަނުޖެއްސޭތީ އެކަމުގެ ކަންބޮޑުވުން ހއ. އަތޮޅު ކައުންސިލުން ފާޅުކޮށްފިއެވެ.
އެ ކައުންސިލުން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގެ ތެރެއިން ހއ. އަތޮޅު ކައުންސިލަށް 2026 ވަނަ އަހަރު ކަނޑައަޅާފައިވާ ބަޖެޓަކީ 2,649145 (ދެމިލިއަން ހަސަތޭކަ ސާޅީސް ނުވަހާސް އެއްސަތޭކަ ސާޅިސް ފަސް) ރުފިޔާ ކަމަށެވެ.
އެ ކައުންސިލަށް 2026 ވަނަ އަހަރަށް ކަނޑައެޅިފައިވާ ބަޖެޓަކީ ކުރިއަށް އޮތް ތިން މަސްދުވަހުގެ މުއްދަތަށް ބެލިކަމުގައިވިޔަސް، ކައުންސިލްގެ މުވައްޒަފުންގެ މުސާރަ އާއި އޮފީސް ހިންގުމުގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ކުރުމަށްވެސް އެކަށީގެންވާ މިންވަރެއް ނޫން ކަމަށް ބަޔާނުގައިވެއެވެ. މިއީ އިދާރީ ގޮތުން ކައުންސިލް ހިންގުމަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް އެ ކައުންސިލުން ފާހަގަކުރެއެވެ.
މީގެ އިތުރުން، ދައުލަތުގެ ބްލޮކް ގްރާންޓުގެ ގޮތުގައި އެފަދަ ބަޖެޓެއް ކަނޑައަޅައިފައިވުމުގެ ސަބަބުން 2026 ވަނަ އަހަރުގެ މަސައްކަތު ތާވަލުގައި ހިމަނާފައިވާ، ރައްޔިތުންނާ ސީދާ ގުޅުންހުރި ހިދުމަތްތައް ދިނުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.
"އެގޮތުން، 2026 ވަނަ އަހަރު މި ކައުންސިލުން ފާސްކޮށްފައިވާ ބަޖެޓްގައި ހިމަނާފައިވާ ރައްޔިތުންނާ ގުޅުންހުރި ބައެއް ހަރަކާތްތަކަކީ ރަށްރަށުގެ ތަރައްގީއަށް ގެނެވޭ ހެޔޮބަދަލެއް ކަމަށްވެފައި، މިފަދަ ހަރަކާތްތަކަކީ ރައްޔިތުންނަށް މާލީގޮތުން ނަފާވެރިކަން ލިބޭނެ ހަރަކާތްތަކެކެވެ. އަދި އިގްތިސާދީގޮތުން އިދާރީ ދާއިރާއަށް އެތަކެއް ފައިދާއެއް ކުރާނެ ހަރަކާތްތަކެކެވެ. މީގެއިތުރުން މިފަދަ ހަރަކާތްތަކުން އިޖުތިމާއީގޮތުން ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތައް ބަދަހިވެގެންދާނެ ފަދަ ހަރަކާތްތަކެވެ،" ބަޔާނުގައިވެއެވެ.
މިހާލަތުގައިވެސް އެ ކައުންސިލުން ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ ލަފާގެ މަތިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ހުއްދައަށް އެދި މިމަހުގެ 21ވަނަ ދުވަހު ފޮނުވި ސިޓީގެ ޖަވާބުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އިން އެ ހަރަކާތްތަށް ކުރިޔަށް ނުގެންދިއުމަށް އަންގާފައިވާ ކަމަށްވެސް ބަޔާނުގައި ހއ. އަތޮޅު ކައުންސިލުން ބުނެފައިވެއެވެ.
"އެހެންކަމުން، ލާމަރުކަޒީ ނިޒާމުގެ ރޫހާ އެއްގޮތަށް ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި، ކައުންސިލުގެ ހަރަކާތްތަށް ހިންގޭނެ ގޮތަށް އަދި ބަޖެޓަށް ދިމާވެފައިވާ މި ދަތިތައް ހައްލުކޮށްދެއްވުމަށް ސަރުކާރުގެ ކަމާބެހޭ މުވައްސަސާތަކަށް މި ކައުންސިލުން ގޮވާލަމެވެ،" ބަޔާނުގައި ބުންޏެވެ.
ހއ. އަތޮޅު ކައުންސިލުން މިފަދައިން ބުނެފައިވާއިރު އަތޮޅު ކައުންސިލްތައް އުވާލަން ގާނޫނުއަސާސީ އަށް އިސްލާހު ހުށަހަޅާ އެ އިސްލާހު މިހާރު ވަނީ ފާސްވެސް ކޮށްފައެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަންނަ އޭޕްރީލް މަހު އޮންނައިރު މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ހަމަވާން އޮތީ މަދު ދުވަސްކޮޅެކެވެ.
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި
މާލޭ ޓެކްސީ ލައިންގެ ހިދުމަތް އިފުތިތާހުކޮށްފި
މިއީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ޕާޓީއެއް: ރައީސް