މާލެ އާއި ވިލިމާލޭގެ މަގުތަކުގައި ނަން ބޯޑު ޖެހުމުގެ މަސައްކަތް 25 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް މާލެ ސިޓީ ކައުންސިލުން ދޮގުކޮށްފިއެވެ.
މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ވަނީ ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ފަތުރާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ނޫސްބަޔާނެއް ނެރެފައެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ، މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝްއާ ހަވާލާދީ ނޫހެއްގައި ރިޕޯޓުކޮށްފައިވާ 25 މިލިއަން ރުފިޔާގެ އަދަދަކީ އެ މަސައްކަތަށް ކުރިމަތިލި ހަތް ފަރާތުން ހުށަހެޅި އަގުތައް އެއްކުރުމުން ނުކުންނަ ޖުމްލަ އަދަދު ކަމަށެވެ. ނަމަވެސް، މި މަސައްކަތް ހަވާލުކޮށްފައި ވަނީ އެންމެ ފަރާތަކާ ކަމަށާއި، އެއީ އެންމެ ގިނަ މާކްސް ލިބުނު ފަރާތުން ހުށަހެޅި 3.9 މިލިއަން ރުފިޔާއަށް ކަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިލްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މާލެ މަގުތަކުގައި ނަން ބޯޑު ހަރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރުކަމުގައި ހުންނެވިއިރު މެއި، 2021 ގައި ފާސްކޮށްފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ މުހިންމު މަސައްކަތެކެވެ. މި މަސައްކަތަށް ކުރިމަތިލުމަށް މިދިޔަ އަހަރުގެ އޮކްޓޫބަރުގައި އިއުލާންކުރުމުން ހަތް ފަރާތަކުން ބިޑު ހުށަހަޅާފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.
ސިޓީ ކައުންސިލްގެ ބަޔާނުގައި ޑެޕިއުޓީ މޭޔަރަށް ނުސީދާކޮށް ފާޑުކިޔަމުން ބުނެފައިވަނީ، "ކައުންސިލްގެ ޖަލްސާތަކަށް ފަރުވާތެރިކަމާ އެކު ގަވާއިދުން ހާޒިރުވެ، އެކަށިގެންވާ ގޮތުގައި ކައުންސިލްގެ މަސައްކަތުގައި ބައިވެރިވެ ވަޑައިގެންނެވޭ ނަމަ، ކަން ހިނގާ ގޮތް ރަނގަޅަށް ސާފުވުން ބޮޑުވާނެ" ކަމަށެވެ. އަދި ކައުންސިލާއި މުވައްޒަފުން ބަދުނާމުވާ ގޮތަށް ހަގީގަތާ ހިލާފު މައުލޫމާތު ފަތުރާތީ އެކަން ކުށްވެރިކުރާ ކަމަށްވެސް ބަޔާނުގައިވެއެވެ.
މި މަސައްކަތަކީ ހަތް ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެއް ނޫން ކަމަށާއި، ހުރިހާ ކަމެއްވެސް ކުރިއަށްދަނީ އުސޫލުތަކުގެ ތެރެއިން ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ކަށަވަރުކޮށްދީފައެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި