ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ބަރަހަނާ މަންޒަރުތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގެ ތުހުމަތު ކުރެވޭ ޖެފްރީ އެޕްސްޓީންއާ ގާތް ގުޅުމެއް ބޭއްވި މައްސަލަ ފެންމަތިވުމާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެންވޯއިގެ މަގާމުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު އިސްތިއުފާ ދެއްވީ ރައީސް މުއިއްޒު އަންގަވައިގެން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވަނީ، ވަހީދު އިސްތިއުފާ ދެއްވެވީ މަގާމުން އިސްތިއުފާ ދެއްވުމަށް އެމަނިކުފާނަށް އެންގެވުމުން ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑަށް ތިކަން އެނގުނު ހިސާބުން ރައީސް ވަހީދަށް ދެންނެވީ އިސްތިއުފާ ދެއްވުމަށް،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ވަހީދު އިސްތިއުފާ ދެއްވެވީ މިދިޔަ މަހުގެ ތިންވަނަ ދުވަހުއެވެ.
ޖިންސީ އެތައް ކުށެއްގެ ތުހުމަތުގައި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދަނިކޮށް މަރުވި އެޕްސްޓީންއާ ގުޅޭ މި މައުލޫމާތުތައް ހާމަވެފައިވަނީ އެމެރިކާގެ ކަމާބެހޭ އިދާރާތަކުން މިދިޔަ ހުކުރު ދުވަހު އާންމުކުރި ލިޔެކިޔުންތަކުންނެވެ. މި ލިޔުންތަކުން އެނގޭ ގޮތުގައި، 2008 ވަނަ އަހަރު ޖިންސީ ކުށުގެ ތުހުމަތުގައި އެޕްސްޓީން ޖަލަށްލައި، އެއަށްފަހު މިނިވަންވި ފަހުން 2012 އިން 2015 އަށް ޑރ. ވަހީދާ އޭނާއާ ދެމެދު ގާތް މުއާމަލާތްތަކެއް ހިނގާފައިވެއެވެ.
މި މުއާމަލާތްތަކުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ ކަންކަމާ ގުޅޭ ގިނަ އީމެއިލްތަކެއް ހިމެނޭއިރު، އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އިންޑިއާއިން ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެ ޑރ. ވަހީދު ފޮނުއްވާފައިވާ މެއިލްއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ