އެއް ދުވަހެއްގައި ރިޔާސީ އަދި ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވީ 2008ގެ ރިޔާސީ އިންތިހާބަށް ފަހު، ރާއްޖޭގެ ސިޔާސީ މަޝްރަޙްގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާގެ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ، ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.
ވެރިކަމަށް އައުމަށްފަހު ކޮންމެ ސަރުކާރަކުންވެސް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް މަސައްކަތްކުރާކަމީ ހަގީގަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 2019 އަދި 2023 ގެ އިންތިހާބުގައި މަޖިލީހުގެ ހަތަރު ބައިކުޅަ ތިންބައި ގޮނޑި ވެރިކަން ހިންގާ ޕާޓީއަށް ރައްޔިތުން ދީފައިވާ ކަމަށާއި އެހެންކަމުން މިހާރު މިއޮތް ގޮތުން ރައްޔިތުން 5 އަހަރުގެ މުއްދަތަށް ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބު ކުރާ ފަރާތަށް ޖެހެނީ ވެރިކަމުގެ ފުރަތަމަ 6 މަސްދުވަސް މަޖިލީހުގެ މެޖޯރިޓީ ހޯދުމުގައި ހޭދަ ކުރުމަށް ކަމަށް ގާސިމް ވިދާޅުވިއެވެ.
"އަދި މީގެ އިތުރުން މަޖިލީހުގެ އޮތް މެޖޯރިޓީ ބޭނުންކޮށް، އަލަށް އެކުލަވާލާ ސަރުކާރަށް ޖެއްސުންކޮށް، އެސަރުކާރުގެ ފުރަތަމަ ބަޖެޓް ހާވިޔާކޮށްލާ، ރައީސް އަކަށް ހޮވޭ ފަރާތެއްގެ އިތުބާރު ނެތްކަމަށް ވޯޓު ނަގަންވެސް ބައެއްފަހަރު ފާއިތުވި މަޖިލީސްތަކުން މަސައްކަތް ކޮށްފައި ވެއެވެ. އެހެން ކަމުން ޤައުމުގެ ސިޔާސީ ހަމަޖެހުމަށްޓަކައިވެސް މިއީ މިހާރު ކުރަން ލަސްވެފައިވާ ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ،" ގާސިމް ވިދާޅުވިއެވެ.
ގާސިމްގެ ޕޯސްޓުގައި މަޖިލީހުން ގެންނެވި އެ އިސްލާހު ރައީސް ތަސްދީގު ކުރައްވާނީ، ރައްޔިތުންގެ އެކަމަށް އާބަސް ބުނުމުންކަމަށް ވާތީ، އަންނަ އެޕްރީލް މަހު، ކުރީކޮޅު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާއެކު އޮންނަ ރައްޔިތުންގެ "ފެންނަ ނުފެންނަ" ވޯޓުގައި އެގޮތަށް "ފެންނަ" ކަމަށް ވޯޓު ދެއްވުމަށް ވަނީ އިލްތިމާސް ކުރައްވައިފައެވެ.
"އެހެނީ ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ވޯޓު އޮންނަ ދުވަހު، މަޖިލީސް އިންތިހާބު ބޭއްވުމުން ފައިދާ ބޮޑީ ހުރިހާ ގޮތަކުންވެސް ރައްޔިތުންނަށެވެ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރައްޔިތުންގެ ޓެކްސް ފައިސާއިން 120 މިލިއަންއަށް ވުރެ ގިނަ ފައިސާ ސަލާމަތް ކުރެވުމާއި، އެފައިސާ ރައްޔިތުންގެ އެހެން ބޭނުންތަކަށް ބޭނުން ކުރުމަށް ފުރުސަތު ލިބިގެން ދިއުމާއި، މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތްތަކާއި ގުޅިގެން ސިޔާސީ ނިޒާމުގައި މިހާތަނަށް އުފެދިފައިވާ ހަމަނުޖެހުންތަކާއި، އިންތިހާބާއި ގުޅުންހުންނަ ކަމަށް ކުރެވޭ ކަރަޕްޝަންގެ ތުހުމަތު ތައް ވެސް މިކަމުގެ ސަބަބުން ކުޑަވެގެންދާނެކަމީ ޝައްކެތް އޮތް ކަމެއް ނޫން ކަމަށެވެ.
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި
މާލޭ ޓެކްސީ ލައިންގެ ހިދުމަތް އިފުތިތާހުކޮށްފި
މިއީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ޕާޓީއެއް: ރައީސް