މެދުއިރުމަތީގައި މިހާރު ކުރަމުން އަންނަ ހަނގުރާމައާ ގުޅިގެން ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ރާއްޖޭން ބޭރަށް ސަރުކާރުން ކުރާ ދަތުރުތައް ހުއްޓާލައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވީ ފަންޑެޑް ދަތުރުތައް ފިޔަވާ އެހެން ހުރިހާ ދަތުރުތަކެއް މިވަގުތަށް ހުއްޓާލާފައިވާ ކަމަށެވެ. ނަމަވެސް ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން މިނިސްޓަރު ހަލީލް ރާއްޖޭން ބޭރަށް ކުރައްވަވާ ދަތުރުތައް ކުރައްވާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.
އެހެން ދަތުރުތަކުގައި މަޝްވަރާ އަރުވަނީ އޮންލައިންކޮށް ބައިވެރިވުމަށް ކަމަށް ވެސް މިނިސްޓަރު ޒަމީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
އެގޮތުން ހުދު ޒަމީރު ވެސް ރާއްޖޭން ބޭރަށް ކުރައްވަން އޮތް ދަތުރެއް އޮންލައިންކޮށް ބައިވެރިވެވޭ ގޮތަށް ބަދަލު ކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ. އެ ދަތުރަކީ އޭޑީއެފްޑީގެ 100 މިލިއަން ޑޮލަރުގެ ރޯލްއޯވާގެ ސޮއި ކުރުމުގެ ރަސްމިއްޔާތެއް ކަމަށާއި ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނަގަން ޖެހޭ ހުއްދަތައް ނަގައިގެން، އެ ރަސްމިއްޔާތު އޮންލައިންކޮށް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ވަނީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ކުރިމަތިވެފައިވާ ހާލަތަށް ރިއާޔަތްކޮށް، ދައުލަތުގެ ހަރަދު ކުޑަކުރެވޭނެ ދާއިރާތައް ދެނެގަނެ، ދައުލަތުގެ ބަޖެޓުން ރައްކާ ކުރެވޭނެ ދާއިރަތައް ބަލައި، އެކަމުގެ ޕްލޭން ފިނޭންސް މިނިސްޓްރީން ހަފުތާއެއްގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވާނެ ކަމަށެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ