މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔެއަށް ކުރިމަތިވަމުންދާ އިގްތިސޯދީ މައްސަލަތަކާ ވިދިގެން ދިވެހިރާއްޖެއަށް ކޮށްފާނެ އަސަރުތައް ކުޑަކުރުމަށް ދިވެހި ދައުލަތުން އަޅާފައިވާ ފިޔަވަޅުތަކުގައި ބައިވެރިވުމުގެ ގޮތުން، ޕްރޮސިކިއުޓަރު ޖެނެރަލް އޮފީހުގެ މުވައްޒަފުން ކޮންމެ އަންގާރަ ދުވަހަކު ގޭގައި ތިބެގެން މަސައްކަތް ކުރާ ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.
އެ ބަދަލު ގެންނަން ނިންމާފައި ވަނީ މާދަމާ އިން ފެށިގެން އަންނަ މަހުގެ ނިޔަލަށެވެ. އެ ބަދަލުތަކުގެ އިތުރުންވެސް ބައެއް އެހެން ބަދަލުތައް ގެނައުމަށް ޕީޖީ އޮފީހުން ވަނީ ނިންމައިފައެވެ.
ޕީޖީ އޮފީހުން ގެންނަން ނިންމާފައިވާ ބަދަލުތައް:
- ކޮންމެ އަންގާރަ ދުވަހަކީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ދުވަހެއް ގޮތުގައި ހަމަޖެއްސުން
- ރަސްމީ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުން
- އޮފީސް ހުޅުވާފައި ހުންނަ ވަގުތު މަދުކުރުމާއި، ކަރަންޓު ބޭނުންކުރުން މަދުކުރުން
- ކަރުދާސް ބޭނުންކުރުން މަދުކުރުން
- އޮފީސް ވެހިކަލް ބޭނުންކުރާ މިންވަރު މަދުކުރުން
ޕީޖީ އޮފީހުން ބުނީ އެ މުއްދަތުގައި ކޮންމެ އަންގާރަ ދުވަހަކު އެ އޮފީހުގެ މުވައްޒަފުން އާއްމު އުސޫލެއްގެ ގޮތުން ގޭގައި ތިބެގެން މަސައްކަތްކުރި ނަމަވެސް، ކޮންމެހެން އޮފީހަށް ހާޒިރުވެގެން ނޫނީ ނުކުރެވޭނެ މަސައްކަތްތައް އޮފީހަށް ހާޒިރުވެ ކުރަމުން ގެންދާނެ ކަމަށެވެ.
އަދި ކޯޓު އަޑުއެހުންތަކަށް ގަވާއިދުން ހާޒިވަމުން ގެންދާނެ ކަމަށާއި ރަސްމީ ބައްދަލުވުންތަކުގެ ތެރެއިން އޮންލައިންކޮށް ކުރިއަށް ނުގެންދެވޭ ބައްދަވުންތަކާއި، އޮންލައިންކޮށް ކުރިއަށްގެންދިއުމުގެ ސަބަބުން ބައްދަލުވުމުން ނެރެވިދާނެ ނަތީޖާއަށް އުނިކަމެއް އައިސްދާނެކަމަށް ބެލެވޭ ބައްދަލުވުންތައް ހާޒިރުވެގެން ކުރިއަށް ގެންދާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
"މި އޮފީހުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން މުވައްޒަފުން އޮފީހަށް ހާޒިރުވާ ދުވަސްތަކުގައިވެސް މެންދުރު 14:00 ގެ ފަހުން ގޭގައި ކުރެވެންހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށް ބާރުއެޅުމާއި، އޮފީސް ބަންދުކުރާ ގަޑި 18:00 އަށް އަވަސްކުރުމަށް ވަނީ ހަމަޖެހިފައެވެ،" ޕީޖީ އޮފީހުން ބުންޏެވެ.
އަދި، އެ އޮފީހުގެ މަސައްކަތްތައް މުޅިން ޑިޖިޓައިޒްކޮށް ކަރުދާސް ބޭނުންކުރުން ހުއްޓާލުމަށް ޕީޖީން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އެ އޮފީހުން ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުމަށް އެ މުއްދަތުގައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އެ ބަދަލުތަކުގެ ސަބަބުން އެ އޮފީހުން އާންމުންނަށް ނުވަތަ އިދާރާތަކަށްދޭ ހިދުމަތްތަކަށް އެއްވެސް އުނި ކަމެއް ނުވަތަ ލަސްކަމެއް ނާންނާނެ ކަމަށާއި އެ މުއްދަތުގައިވެސް، އަދި އަބަދުވެސް online.pgo.mv މެދުވެރިކޮށް އެ އޮފީހުގެ ހިދުމަތްތައް ހޯއްދެވުމަށް އެންމެހައި ރައްޔިތުންނާއި އިދާރާތަކަށް އެ އޮފީހުން ބާރުއަޅާ ކަމަށް ޕީޖީން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ